އަންނަ އަހަރުގެ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރީތައް ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ އެކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިޚާބަށްވާތީ އެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުންދާ ކަމަށާއި ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
މުޙައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވާއިރު މައިގަނޑުގޮތެއްގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން، އިންތިޚާބާބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.
"މިހާރު މިވަގުތަށް ބަލާނަމަ ދަރުބާާރުގެއެއް ނެތް. ކުރީގެ ބާޖަމާލުއްދީނެއް ނެތް. އެހެންވީމަ މާލޭގައި އެކަހަލަތަނެއް ހޯދައިގެން އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި. އެއާއެކު މިކަންކަމަށް ބޭނުންވާ މުވައްޒަފުންނާއި އިންތީޚާބެއް ބޭއްވުމަށް ބޭނުންވާ މަސައްކަތްތައް މިނިމައިޒްކޮށް ކިހިނެތްތޯ ޚަރަދުވެސް ކުޑަކުރެވޭނީ. ކުރީ އިންތިޚާބުތަކާއި މި އިންތިޚާބާ އަޅާބަލާއިރު ކުރަންޖެހޭ މަސައްކަތާއި ޑިޖިޓަލައިޒްކޮށްގެން ކުރާ މަސައްކަތުގެ ތެރެއިން ކޮން ކަމެއްގައިތޯ ޚަރަދުގެ ގޮތުން ކުޑަކޮށް ކިހިނެތްތޯ ކުރެވޭނީ މިކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރައްވަމުންދާ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކާ ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.