އަންހެނުންގެ ޔުއެފާ ޗެމްޕިއަންސް ލީގު އާސެނަލްއިން ކާމިޔާބުކޮށްފިއެވެ. ޕޯޗުގަލްގައި މިރޭ ކުޅުނު ފައިނަލް މެޗުން އެ ޓީމުން މޮޅުވީ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ބާސެލޯނާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 74 ވަނަ މިނިޓްގައި ސްޓިނާ ބްލެކްސްޓެނިއުސްއެވެ. މިއީ އާސެނަލްއިން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
މި މެޗު އެންމެ ހާއްސަވި އެއް ކުޅުންތެރިއަކީ ކުރިން ބާސެލޯނާ އަށް ކުޅުމަށްފަހު މި ސީޒަނުގައި އާސެނަލް އަށް ކުޅެން ފެށި މަރިއޯނާ ކަލްޑެންޓޭ އެވެ. މެދުތެރެއިން މޮޅަށް ކުޅުނު ކުޅުންތެރިޔާ މެޗަށް ފަހު ބުނީ ބާސެލޯނާ އަކީ އެންމެ މޮޅު އެއް ޓީމު ކަމަށާއި އާސެނަލް އަށް އައިސް ތަށި ހޯދައިދެވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި މެޗަށް ފަހު ބާސެލޯނާގެ ގިނަ ކުޅުންތެރިން އޭނާ އަށް މަރުހަބާ ކިޔާފައިވެ އެވެ.
އާސެނަލްގެ ކުޅުންތެރިން މެޗަށް ފަހު ބުނީ މިއީ އެ މީހުންނަށް ގަބޫލު ވެސް ކުރަން ދަތިވި ނަތީޖާ އެއް ކަމަށެވެ. ކެޕްޓަން އަލެސިއާ ރުސޯ ބުނީ ބާސެލޯނާއިން މެޗުގައި މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށެވެ.
"އަހަރުމެން ވަރަށް މަސައްކަތް ކުރިން. ސަބަބަކީ އެ މީހުންނަކީ ޔޫރަޕުގެ އެންމެ މޮޅު ޓީމުކަން އެންމެނަށް ވެސް އެނގޭ. އަހަރުމެން ބޯޅަ ގެއްލުނީމަ ވަރަށް ވިސްނުންތެރިކަމާއެކު ކުޅެމުންދިޔައީ. މި ނަތީޖާ އަކީ ހަގީގަތުގައި ވެސް އަހަރުމެންނަށް ގަބޫލުކުރަން ދަތިވި ނަތީޖާއެއް. އެކަމަކު މިއީ ވަރަށް ފުރިހަމަ ކާމިޔާބީ އެއް ވެސް މެ،" ރުސޯ މެޗަށްފަހު ބުންޏެވެ.
ބާސެލޯނާ އަކީ މި މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ފަސް މުބާރާތުގައި ވެސް ވާދަކުރި ޓީމެވެ. މީގެ ތެރެއިން ތިން ފައިނަލް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.