ޚަބަރު

މިފަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ވައު ދެމުމުގެ މުބާރާތެއް


  • މުބާރާތް ފަށާނީ 7 ޖޫންގައި

  • މުބާރާތުގައި ބައިވެރިވުމުގެ ފަހު ދުވަހަކީ މިއަދު

  • ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ލިންކެއް މެދުވެރިކޮށް ބައިވެރިވެވޭނެ

މިފަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ވައު ދެމުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ރޮކްޒީ ސްޕޯޓްސް ކުލަބުން ބުނެފިއެވެ.

ރޮކްޒީ ވައު ދެމުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 އިން 10ގެ ނިއަލަށްކަމަށް ރޮކްޒީ ކުލަބުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރޮކްޒީ ކުލަބުގެ އިވެންޓް ކޯޑިނޭޓަރ މުޙައްމަދު ފިރުޝާވިން ވިދާޅުވީ ކުރީއްސުރެ ދިވެހިން ކުޅެމުން އައި ފޯރިގަދަ ކުޅިވަރުތަކުގެ ތެރެއިން ނެތުމުގެ ބިރު ހީވެފައިވާ އެއް ކުޅިވަރަކީ ވައު ދެމުން ކަމަށެވެ. އެހެންކަމުން މި ކުޅިވަރުގެ ފޯރި އަލުން އިޢާދަކުރުމުގެ ގޮތުން ވައުދެމުމުގެ މުބާރާތް ބޭއްވުމަށް ނިންމީކަމަށް ފިރުޝާން ވިދާޅުވިއެވެ.

"މި މުބާރާތް ބޭއްވުމަށް އަޅުގަނޑުމެން ވަނީ ކުޅިވަރާ ބެހޭ ވަޒީރާ ބައްދަލުކޮށްފައި. މިހާތަނަށް އައިރުވެސް އެންމެ ބޮޑު އެއްބާރުލުމެއް ދޭ އެއް ފަރާތަކީ އެވުޒާރާ. އަދި އެޗްޑީސީއާއި ދިވެހި ރެޑް ކްރެސެންޓާއި ހުޅުމާލެ ޕޮލިހާވެސް ވާނީ ވާހަކަދައްކާފައި." ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވަނީ މި މުބާރާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

ވައުދެމުން ކުރިއަށްދާނީ މުބާރާތް އޮންނަ ކޮންމެ ރެއަކު 20:30އިން 23:30އަށެވެ. މުބާރާތް ފަށާދުވަހު ފަންނާނުންގެ ހަރަކާތްތަކެއްވެސް ފެންނާނެކަމަށް ރޮކްޒީ ކުލަބުން ބުނެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު މިއަދަށް ހަމަވާނެއެވެ. ރޮކްޒީގެ ސޯޝަލް މީޑިޔާ އެކިއެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް، މުބާރާތުގައި ބައިވެރިވެވޭނެއެވެ. މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.

މުބާރާތުގެ ގަވާއިދު ބުނާ ގޮތުން ޓީމެއްގައި 14 މީހުން ހަމަވާންޖެހޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅެން އަރާ 8 މީހުންނާއި ރިޒަރވް 2 މީހުންނާއި 4 އޮފިޝަލުންނެވެ. އަންހެން އަދި ފިރިހެން ކެޓަގަރީއަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދާއިރު، މޮޅުވާ ޓީމަށާއި، ރަނައަޕް ޓީމަށާއި އެންމެ މޮޅު ކޯޗަށް އިނާމްދިނުމަށްވަނީ ހަމަޖެހިފައެވެ.

މިމުބާރާތް އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ރޮކްޒީ ކުލަބު އުފެދުނީ 2013 ވަނަ އަހަރުއެވެ. މި ކުލަބުންވަނީ ކުޅިވަރުގެ އެކިއެކި ހަރަކާތްތައް އިންތިޒާމުކުރުމުގައި މީގެ ކުރިންވެސް ހަރަކާތްތެރިވެފައެވެ.