ޚަބަރު

އެތުލެޓިކްސްއަށް ޠަލާލް ބަހައްޓަވާ ޝައުގުވެރިކަމާއި ކުރައްވާ ޚިދުމަތްތަކާމެދު ފަހުރުވެރިވަން: ރާފިއު


އޭޝިއަން އެތުލެޓިކްސް އާއި ރާއްޖޭގެ އެތުލެޓިކްސްއަށް ރާއްޖޭ ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ޠަލާލް ކޮށްދެއްވާ ޚިދުމަތްތަކާމެދު ފަހުރުވެރިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިއު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރު ރާފިއު މިހެން ވިދާޅުވީ ޠަލާލަށް އޭޝިއާ އެތުލެޓިކްސްއިން ޝަރަފްވެރިކަމުގެ އެވޯޑެއް އެރުވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ފޯސްޓެއްގައެވެ.

ދެކުނު ކޮރެއާގެ ގުމީގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ކޮންގްރެސް 2025 ގައި އޭޝިއަން އެތުލެޓިކްސް ލީޑަޝިޕް އެވޯޑާއެކު ޝަރަފުވެރިކަން ލިބުމުން އެކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖެއާއި ސަރަހައްދީ ފެންވަރުގައި އެތުލެޓިކްސްއަށް ޠަލާލް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކާއި ދެއްވާ އިސްކަން ފާހަގަ ކުރައްވާ އެކަމާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ޠަލާލްއަށް މި ޝަރަފުވެރި އެޑޯވް ދިނުމަށް އޭޝިއާ އެތުލެޓިކްސް އިން ނިންމީ ސަރަހައްދީ ފެންވަރުގަޔާއި ރާއްޖޭގެ އެތުލެޓިކްސް ދާއިރާއިން ކުރައްވާ ޝައުގުވެރިކަމާއެކު ކުރައްވާ ހިދުމަތްތައް ފާހަގަ ކުރައްވާ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރަށް މި ޝަރަފުވެރި އެވޯޑް ދީފައިވާއިރު ޠަލާލަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޠަލާލް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވީ 2012 ވަނަ އަހަރެވެ. އަދި އޭގެ ކުރިންވެސް ޠަލާލް ވަނީ އެކި ގޮތްގޮތުން އެތްލެޓިކްސްއަށް ހިދުމަތްކުރައްވާފައެވެ. އަދި 2021 ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްގެ މަގާމަށްވެސް ޠަލާލް ވަނީ އިންތިހާބް ވެވަޑައިގެންފައެވެ.

ޠަލާލްގެ ރައީސްކަމުގެ ދަށުން ރާއްޖޭގެ އެތްލެޓިކްސްއިން ބޮޑު ކުރިންއެރުންތަކެއް ހޯދާފައިވާއިރު ދިވެހިރާއްޖެއަށް ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތަކުން ލިބުނު އެންމެ ފުރަތަމަ ރަން މެޑަލްވެސް ލިބިފައިވަނީ ޠަލާލްގެ ލީޑަރޝިޕްގެ ދަށުންނެވެ. މީގެ އިތުރުންވެސް ގިނަ މުބާރާތްތަކަކުން ދިވެހި އެތްލީޓުން ވަނީ ޠަލާލްގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއަށް އެތައް ކާމިޔާބީތަކެއް ހޯދައިދީފައެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ޖެހި ޖެހިގެން 3 ދައުރަކަށް އިންތިހާބްވެވަޑައިގެންނެވި ޠަލާލް އެމަގާމް ދޫކޮށްލެއްވީ 2023 ވަނަ އަހަރު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.