ޚަބަރު

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެމެރިކާ ސަފީރާއެކު މަޝްވަރާ ކުރައްވައިފި


ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަށް ދިގު މުއްދަތަކަށް އެއްބާރުލުން ދިނުން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން އެމެރިކާ ސަރުކާރާއިއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންދެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިއު އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮންއާއި ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައެވެ. އެމެރިކާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގެ ކުޅިވަރު ވަޒީރު ރަފީއު ވަނީ ދެގައުމުން ގުޅިގެން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކާފައެވެ.

‎އަދި އެމެރިކާ ސަފީރު ޔޮން ވަނީ ކުޅިވަރުގެ ދާއިރާ ތަރައްީ ކުރެއްވުމަށް ރާއްޖެއަށް އެމެރިކާ ސަރުކާރުން ދެއްވާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެމެރިކާއަކީ ބައިނަލްއަގްވާމީ ކުޅިވަރު މައިދާނުގައި ފާހަގަކޮށަލެވޭ ކާމިޔާބީތައް ހޯދާ ގައުމެކެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރެއްވުމަށް ސަރުކާރުން އަންނަނީ ބައިނަލްއަގްވާމީ ކުޅިވަރުގައި ކާމިޔާބު ގައުމުތަކާއެކު ގުޅުން ބަދަހިކޮށް ރާއްޖޭގެ އެތުލީޓުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭން ކުޅިވަރުގައި ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ތެރޭގައި ކުރިޔަސް އޮތް 15ވަރަކަށް އަހަރުގެ ތެރޭގައި އޮލިމްޕިކްސް ނުވަތަ އޭޝިއަން ގޭމްސްއިން ރަން ވަނަތަކެއް ގެނައުން ހިމެނެއެވެ. އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.