ޚަބަރު

އެމްއޯސީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

ނަންތައް ތަރުތީބުކުރުން ކުރިޔަށް ގެންދިޔައީ މިއަދު ހެންވޭރު ބޯޅަގޭގައި އޮތް ރަސްމިއްޔާތެއްގައެވެ.

2025-2029 ވަނަ އަހަރާ ހަމައަށް އައު ދައުރަކަށް އެމްއޯސީގެ ހިންގާ ކޮމިޓީ އިންތިހާބުކުރުން އޮންނާނީ 2 ޖޫން ގައެވެ.

މިފަހަރުވެސް އެމްއޯސީގެ ރައީސް ކަމަށް ވާދަކުރައްވަނީ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު (ޗަންޕީ) އެވެ. ޗަންޕީއާއި އިތުރު ކެންޑިޑޭޓަކު ވާދަ ނުކުރާއިރު އޭނާގެ ކެންޑިޑޭޓް ނަމްބަރަކީ އެކެކެވެ.

ނައިބުރައިސް ކަމަށް ވާދަކުރާ އަހުމަދު މުންތަގިމްއަށް ކެންޑިޑޭޓް ނަމްބަރު އެކެއް ލިބިފައިވާއިރު އަހުމަދު އިސްމާލަށް ލިބިފައިވަނީ ކެންޑިޑޭޓް ނަމްބަރު ދޭކެވެ. ނައިބުރައީސް ކަމަށް ވާދަކުރައްވާ މުސްތާފާ މުހައްމަދަށް ލިބުނީ ކެންޑިޑޭޓް ނަމްބަރު ތިނެކެވެ.

އެމްއޯސީގެ އައު ހިންގާ ކޮމިޓީއަށް ޖުމްލަ ތޭރަ މެންބަރުން އިންތިހާބުކުރާނެއެވެ. އެއީ ރައީސް އާއި 2 ނައިބު ރައީސުންނާއި 6 އޮލިމްޕިކް ސްޕޯޓްސް ރިޕްރެޒެންޓެޓިވްސް އަދި 2 ނޮން އޮލިމްޕިކް ސްޕޯޓްސް ރެޕްރެޒެންޓެޓިވްސް އާއި 2 އަންހެން މެންބަރުންނެވެ.

އޮލިމްޕިކް ސްޕޯޓްސްގެ ތެރެއިން މެންބަރުކަމަށް ވާދަކުރާ އެސޯސިއޭޝަންތަކުގެ ނަމްބަރު ތަރުތީބުކޮށްފައިވާ ގޮތް:

1. ހޭންޑްބޯލް މޯލްޑިވްސް
2. އެތުލެޓިކްސް އެސޯސިއޭޝަން
3. ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް
4. ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
5. މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
6. ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
7. މޯލްޑިވްސް ސާފިން އެސޯސިއޭޝަން
8. ޓޭބަލް ޓެނިސް އެސޯސިއޭޝަން
9. ސްވިމިން އެސޯސިއޭޝަން

ނޮން އޮލިމްޕިކް މެންބަރުކަމަށް ކުރިމަތިލާފައިވާ އެސޯސިއޭޝަންތަކުގެ ނަމްބަރު ތަރުތީބުކޮށްފައިވާ ގޮތް:

1. މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
2. ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

އަންހެން މެންބަރު ކަމަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފައިވާގޮތް:

1. ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
2. ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެމްއޯސީގެ އައު ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް ވޯޓުލެވޭނީ 16 މެންބަރު އެސޯސިއޭޝަނަކަށެވެ. އެމްއޯސީގެ ހިންގާ ކޮމިޓީގެ ދައުރަކީ ހަތަރު އަހަރެވެ.

އެމްއޯސީއިން އެންމެ ފަހުން ހިންގާ ކޮމިޓީއެއް އެކުލަވާލީ 2021 ވަނަ އަހަރުއެވެ. އެއަހަރުގެ އިންތިހާބުގައި އެމްއޯސީގެ ރައީސްކަމަށް 11 އެސޯސިއޭޝަނުގެ ރުހުމާއެކު އިންތިޚާބުކުރީ ސައްތާރެވެ. ސައްތާރާއި ވާދަކުރި މޫސާ ނާޝިދު (މޫސަ) އަށް ލިބުނީ ހަތް ވޯޓެވެ.