ޚަބަރު

ލެވަންޑޯސްކީގެ ދެ ލަނޑާއެކު ފަހު މެޗުން ބާސެލޯނާ މޮޅުވެއްޖެ


ސްޕެނިޝް ލީގުގެ ފަހު މެޗުގައި ރޭ އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ލީގުގައި ބާކީ ދެ މެޗު ކުޅެން އޮއްވާ ލަލީގާގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދާފައިވާ ބާސެލޯނާ އިން ވަނީ މި ސީޒަނުގައި ކުޅުނު މެޗުތަކުން 88 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 84 ޕޮއިންޓެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑު ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި ލަލީގާގައި ބާސެލޯނާއިން ޖެހި 100 ވަނަ ލަނޑެވެ.

އަދި އޭގެ ތިން މިނިޓު ފަހުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑާއެކު މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ލެވަންޑޯސްކީ ޖެހި ލަނޑުގެ އަދަދު ވަނީ 40 އަށް އަރާފަ އެވެ.

ބާސެލޯނާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނީ އޮލްމޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބާސެލޯނާ އިން ލަލީގާގައި މި ފަހަރު 102 ލަނޑު ޖަހާފައިވާއިރު ލީގުގައި އެންމެ ކައިރި ކުރާ އަދަދަކަށް ލަނޑު ޖެހިފައިވާ ރެއާލް މެޑްރިޑަށް ޖެހިފައިވަނީ 78 ލަނޑެވެ. ޖަރުމަނަށް އުފަން ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާ އިން ވަނީ މި ސީޒަނުގައި ލަލީގާގެ ޗެމްޕިއަންކަމުގެ އިތުރުން ކޮޕާ ޑެލްރޭ އާއި ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މި މެޗުން އެތްލެޓިކް ކްލަބް ބަލިވި ނަމަވެސް އެ ޓީމަށް ލިބިފައިވާ 70 ޕޮއިންޓާއެކު ވަނީ ލީގުގެ ހަތަރު ވަނައިގައި ހިމެނި ކުރިއަށް އޮތް ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދާފަ އެވެ. ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ސްޕެއިން އިން ވާދަކުރާނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑްގެ އިތުރުން އެތްލެޓިކް ކްލަބް އަދި ވިޔަރެއާލް އެވެ.