ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިވަނީ ރައީސްގެ އިރުޝާދާއިއެކު ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުވާނެގޮތައްކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިމިވަނީ ހުޅުމާލޭގެ ފުރަތަމަ މާސްޓަރ ޕްލޭން އަށް 24 އަހަރު ފަހުންނެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވީ، ހުޅުމާލެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު މިހާރު ރައީސްގެ ނިންމެވުމެއްގެ ދަށުން ހުޅުމާލޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިވާއިރު މީގެ ބޭނުންވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވަނީ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ޖާގަ އެންމެ ރަނގަޅަށް ނުހިފޭތީކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރިވައިޒްކުރި މާސްޓަރ ޕްލޭންއާއިއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އެޗްޑީސީގެ އެމްޑީ ވިދާޅުވިއެވެ.
"ހުޅުމަލޭގެ މާސްޓަރ ޕްލޭން ރިވައިޒްކުރަން ޖެހުނު އެއް ސަބަބަކީ ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ސްޕޭސް މިއޮތީ ވަރަށް ބޮޑަށް ކޮންޕްރޮމައިޒްވެފައި. ރަށެއްގެ ބަނދަރީ އެރަށަކަށް އެންމެ މުހިންމު އެއް ބައި. ބަނދަރެއް ނެތި އެހެން ވަސީލަތްތަކެއް ރަނގަޅަކަށް ނުހިނގާނެ. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ އިއްޒަތްތެރި ރައީސް އިރުޝާދު ދެއްވިގޮތައް ބިންވެރިޔާ ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުކުރެވޭ ވަރަކަށް ބޮޑުކުރުމުގެ މަސައްކަތް. މިހާރު ރިވައިޒްޑް މާސްޓަރ ޕްލޭންގެ ހޯލް މަފްހޫމަކީ އެއީ." މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވިއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މި މާސްޓަރ ޕްލޭން ފައިނަލް ކުރުމުގެ ކުރިން ސްޓޭކްހޯލްޑަރުންނާއި ޕަބްލިކް ކޮންސަލްޓޭޝަންއެއްގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ. އަދި އެއަށްފަހު މާސްޓަރ ޕްލޭން ފައިނަލްކޮށް ޑޮކިއުމަންޓް ކުރެވިގެންދާނެކަމަށެވެ.
މި ރަސްމިއްޔާތުގައި އެޗްޑީސީގެ ރަސްމީ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ. އެޗްޑީސީގެ އެމްޑީ ވިދާޅުވީ، އައު ވެބްސައިޓާއިއެކު އެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ވިސަލް ބްލޯވާސްއަށް ޚާއްސަ ޕޯޓަލްއެއް ހިމަނާފައިވުމެވެ.
"މިއަދު މި ލޯންޗްކުރާ ވެބްސައިޓް މެދުވެރިކޮށް އެޗްޑީސީގެ ހިންގުމުގެ ނިޒާމް ބޮޑުތަނުން ހަރުދަނާވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އައު ވެބްސައިޓްގައި ހިމެނޭ މުހިންމު ފީޗާރތަކަކީ ވިސަލް ބްލޯވާސްއަށް ޚާއްސަ ޕޯޓަލްއެއް ހިމެނިފައި އޮތުން. ވިސަލް ބްލޯވާސްއަށް ބައިވެރިވުން ފަސޭހަވާނެގޮތައް ޕޯޓަލްއެއް އޮތުން. ކޯޑް އޮފް ކޮންޑަކްޓްއަށް އަޅުގަނޑުމެން އައު ބާބެއް ކަނޑައެޅުން. ކޯޑް އޮފް ކޮންޑަކްޓްގެ ތެރޭގައި ހުޅުމާލޭގެ ޕާޓްނާސްއަށްވެސް ކޮންޑަކްޓެއް ތައާރަފްކުރުން." މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވިއެވެ.
އެޗްޑީސީގެ އައު ވެބްސައިޓްގައި އިމާރާތް ހުއްދަތައް ހޯދުމުގައި އަވަސް އަދި ލުއި ނިޒާމެއް ޤާއިމްވެފައިވާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. މި ވެބްސައިޓުން އެޗްޑީސީގެ ސްޓްރެޓެޖިކް އެކްސަން ޕްލޭންއެއްވެސް މިހާރު ފެނިގެންދާނެއެވެ.