ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް 3 ދުވަސްވީއިރު މިހާތަނަށް ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ވިދާޅުވެއްޖެއެވެ. މި މައުރަޒް ފަށާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒު 2025އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ބާއްވަވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ ޑިރެކްޓަރ އިންވެސްޓްމަންޓް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވީ، މިހާތަނަށް އައިއިރުވެސް މައުރަޒަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. މަރުރަޒް ފެށިގެން 3 ދުވަސް ނިމިފައިވާއިރު މިއީ މިހާތަނަށް ބޭއްވި މައުރަޒުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މައުރަޒްކަމަށް އޭނާ ވިދާޅުވިއެވެ.
"3 ދުވަސްވީއިރުގައި ވަރަށް ބޮޑު ތަރުހީބެއް. މިހާތަނަށް ބޭއްވި މައުރަޒުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބުނު މައުރަޒަކީ މިއީއޭ ދެންނެވޭނީ. އެހެންވީމަ ޖުމްލަގޮތެއްގައި އެކިއެކި ވިޔަފާރިތަކާއި އެކިއެކި ފަންނުވެރިންނަށް އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު ބޮޑު ތަރުހީބެއް މި ހަރަކާތައް ލިބިގެން އެބަދޭ." އީމާން ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އައިޝަތު ޝަހުދާ އަބްދުﷲ ވިދާޅުވީ، އެހެން މައުރަޒްތަކާއި މި މައުރަޒާއި 3 ކަމެއް ތަފާތުވެގެންދާނެކަމަށެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމީ ލޯންޗްކުރުމާއިއެކު ކްރިއޭޓިވް އިކޮނޮމީއަށް ވަކި ޚާއްސަ ޑިސްޓްރިކްޓެއް ޤާއިމްކޮށްފައިވުމެވެ. އަދި ޑިޖިޓަލް އެންޑް އިނޮވޭޓިވްގެ ދާއިރާއަށް ޚާއްސަ ޑިސްޓްރިކްޓެއް ހުރުމެވެ.
ޝަހުދާ ވިދާޅުވީ، ވޯލްޑް އިންޓަލެކްޝުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަންގެ ތަޖުރިބާކާރު 9 ފަރާތަކުން ކޮޕީރައިޓްއާއި ގުޅޭގޮތުން އެކްސްޕޯ ކުރިއަށްދާއިރު ވޯކްޝޮޕްތައް ކުރިއަށްގެންދާނެކަމަށެވެ. މީގެ ސަބަބުން އުފެއްދުންތެރިންނާއި ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތައް ހިމާޔަތްކޮށް ކުރިއެރުވޭނެ ގޮތްތައް ދަސްވެގެންދާނެކަމަށެވެ.
"މިފަހަރު މި މައުރަޒްގައި ނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޝުއަލް ޕްރޮޕަޓީ އޭގެ މާނައަކީ މިސާލަކަށް ކޮޕީރައިޓް. ކޮންމެ ގޮތެއްވިއަސް އެބޭފުޅުން ކުރާ މަސައްކަތް ހިމާޔަތްކުރުންވެސް ވަރަށް މުހިންމު ކަމެއް ދެއްތޯ. އަޅުގަނޑުމެން ވޯލްޑް އިންޓަލެކްޝުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަންގެ 9 އެކްސްޕާޓުން ގެނެސްގެން އެކި ދާއިރާތަކުން މިފަހަރު އެބަ ޓްރެއިނިންގދެން ސްޓާޓިންގ ފްރޮމް ބްރޭންޑިންގ." ޝަހުދާ ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.
9 ދުވަހުގެ މުއްތައް ކުރިއަށްދާ މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ވަނީ ބައިވެރިވެފައިވެފައެވެ. އެގޮތުން އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.