ޚަބަރު

ރާއްޖޭގެ ޓެކްސް ނިޒާމަށް ކުރިއެރުން އަންނަނީ ލިބެމުން: މާލީ ވަޒީރު


  • ހަރުދަނާ ޓެކްސް ނިޒާމެއް ޤާއިމްކުރަން ހުރި ގޮންޖެހުންތައް ގުޅިގެން ހައްލުކުރެވޭނެކަމަށް ވިދާޅުވި

  • ހުއްދަނޫން ގޮތްގޮތުން ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުން މުހިންމުކަމަށް ވިދާޅުވި

ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ކުރެވުނު މަސައްކަތުން ރާއްޖޭގެ ޓެކްސް ނިޒާމަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މީރާއިން އިންތިޒާމުކޮށްގެން ބާއްވާ ހާމަކަން ބޮޑު ޓެކްސް ނިޒާމެއް ޤާއިމް ކުރުމާއި ގުޅޭ 8 ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވަނީ ގްލޯބަލް ފޯރަމްގެ މެންބަރެއްގެ ހައިސިއްޔަތުން، ޤާބިލުކަން އިތުރުކުރުމާއި، އެކުގައި މަސައްކަތްކުރުމާއި، އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، އެކުގައި މަސައްކަތްކުރުމުގެ ބާރާއި، ލީޑަރޝިޕްގެ ހަރުދަނާކަމާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް މާލީ ވަޒީރު ޒަމީރު ވިދާޅުވިއެވެ.

"މިވަގުތު ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް އަޅުގަނޑުމެންނަށް ހަރުދަނާ ހިންގުމުގެ ނިޒާމެއް ޤާއިމްކުރެވޭނެ. ނިޒާމުގެ ހަރުދަނާ ކަމުގެ އިތުރަށް ހަމަހަމަވެސް ވާނެ. ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ޓެކްސް ދާއިރާގައި ގުޅިގެން ކުރެވޭ މަސައްކަތަކީ އިންޤިލާބީ މަސައްކަތްތަކެއް. މިކަމުގެ ސަބަބުން ޓެކްސް ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރެވޭ " މާލީ ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިޞާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިޤްތިޞާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މިދަނޑިވަޅުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށްވެސް ވަޒީރު ޒަމީރު އަލިއަޅުއްވާލެއްވިއެވެ.

ވަޒީރު ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށާއި، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ޖީޑީޕީގެ 13.8 އިންސައްތަ ފަތުރުވެރިކަމުގެ ސިނާއަތުން ހިއްސާކުރި އިރު، ރިކޯޑު އަދަދެއްގެ ގޮތުގައި 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި، މާލީ ވުޒާރާއިން ވަނީ ރެވެނިއު އެޑްމިނިސްޓްރޭޝަން އެޖެންސީތަކާއި ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލާފައެވެ. މިސްޓްރެޓެޖީގެ މަގްސަދަކީ މިހާރުގެ ރެވެނިއު ޕޮލިސީތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ޞިއްޙަތު އަދި އުމްރާނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،" ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި، ދުނިޔޭގައި ފައިސާގެ ދައުރުވުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ. އަދި ޓެކްސް ނުދެއްކުމާއި، ޤާނޫނީ ގޮތުން ހުއްދަނޫން ގޮތްގޮތުން ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވަޒީރު ވަނީ "ޓެކްސް ޓްރާންސްޕޭރެންސީ އިން އޭޝިއާ" ރިޕޯޓްގެ ތިންވަނަ އަދަދު އިފްތިތާޙްކޮށްދެއްވާފައެވެ.