ކުޅިވަރު

ފައިނަލް މެޗުގެ ކުރިން ހަމަޖެހިލުމަށް ކުޅުންތެރިންގެ ކިބައިން ހެނާންޑޭޒް އެދިއްޖެ


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ލީގު ކަޕް 2025 ގެ ފައިނަލް މެޗުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނީ ތަފާތު ކުޅުމެއް ދައްކައި ޗެމްޕިއަންކަން ހޯދުމަށް ކަމަށާއި، މެޗުގެ ކުރިން ކުޅުންތެރިން ހަމަޖެހިލައިގެން ތިބުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ބުނީ މެޗަށް ނުކުންނާނީ ތަށި ހޯދުމުގެ އަޒުމުގައިކަމަށެވެ. ފައިނަލު މެޗުން ތަފާތު މޮޅުކުޅުމެއް ފެނިގެންދާނެކަމުގެ ޔަގީންކަން އޭނާވަނީ ސަޕޯޓަރުންނަށް ދީފައެވެ. މީގެ އިތުރުން މާޒިޔާއިން ފައިނަލް މެޗަށް ނުކުންނާނީ ޓީމުގެ އެންމެ ވަރުގަދަ އެގާރަ ކަމަށާއި، އެޓީމުން އެދުވަހު ކުޅޭނީ އިދިކޮޅު ޓީމަކީވެސް ވަރުގަދަ ޓީމެއްކަން އެނގިތިބެ، މޮޅުވުމުގެ ރޫހެއްގައިކަމަށް އޭނާ ބުނެފައިވެއެވެ.

"މޮޅުވާން ކުރެވުނު ހުރިހާކަމެއް ކުރާނަން. އިދިކޮޅު ޓީމަށް އަހަރުމެން އިހްތިރާމްކުރަން. އެހެންނަމަވެސް ފައިނަލުގައި މާޒިޔާއިން ނުކުންނާނީ ޗެމްޕިއަންކަން ހޯދަން" ހާނަންޑޭޒް ބުންޏެވެ.

އެފްއޭއެމް ލީގު ކަޕުގައި މާޒިޔާއިން ދައްކާފައިވާ ކުޅުމާ ގުޅޭގޮތުން ކޯޗު ބުނީ ކުޅުންތެރިންގެ ކިބައިން ރަނގަޅުކުރަންޖެހޭ ބައެއްކަންކަން ފާހަގަކުރެވިފަވާ ކަމަށެވެ. އެހެންކަމުން ފަރިތަކުރުންތަކުގައި އެކަންކަމަށް ސަމާލުކަންދީ ކުޅުން ރަނގަޅުކުރުމަށް ސަމާލުކަންދިން ކަމަށެވެ.

މިގޮތުން މެޗުގެ ފަހުކޮޅު ކުޅުންތެރިންނަށް ގޯސްތަކެއް ހެދޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، ހަމަލާތަކުގެ ކޮލިޓީ އާއި ޕާސްތައްވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް އޭނާއަށް ފާހަގަކުރެވުނުކަމަށް ވަނީ ބުނެފައެވެ. މާޒިޔާއަށް މިމުބާރާތުގައި ގޯލު ފޫއަޅުވާލަން ގިނަ ފުރުސަތު ލިބުނުކަން ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް އެފުރުސަތުތަކުގެ ބޭނުން ހިފިފައިނުވާތީ ކުޅުންތެރިންގެ ކިބައިން މާޔޫސްކަން ފެންނަމުންދާކަމަށް ހެނަންޑޭޒް ބުންޏެވެ.

"މެޗުގަ ގޯލުޖަހަންލިބި، ވަރަށް ގިނަ ފުރުސަތުތައް ގެއްލުނު. އަހަރެން ބޭނުންމެއްނޫން އެއީ ފަސޭހަ ގޯލުތަކެކޭ ބުނާކަށް. އެހެންނަމަވެސް ޝޫޓްތަކުގަ އެބަޖެހޭ ކަންކަން ރަނގަޅުކޮށްލަން. އެކަން ރަނގަޅުކޮށްލެވިއްޖެނަމަ މެޗު ކާމިޔާބުކެރެވޭނެ. އެހެންވީމަ ހުރިހާ ފޯކަސްއެއް މިބަހައްޓަނީ މިކަންކަމަށް" ނޫސްވެރިންނާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ބުނެފައިވެއެވެ.

ކޯޗު ބުނީ މާޒިޔާއަށް ގިނަ ގޯލުތަކެއް ކާމިޔާބުނުކުރެވުމުން ކުޅުންތެރިން ތިބީ މާޔޫސްވެފައި ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ކުޅުންތެރިންނަށް ހިތްވަރުދީ މެޗު ކާމިޔާބުކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް ގޮވާލާފައެވެ.

"އަހަރުމެން އެބަޖެހޭ މެޗުގެ ފަހުކޮޅު ހެދޭ ގޯސްތައް ރަނގަޅުކޮށްލަން. ކޮލިޓީ ޕާސްތަކާ، ކޮލިޓީ ޓައިމިންއާ، ކޮލިޓީ ޝޫޓްތަކާ ކަންކަން ރަނގަޅުކޮށްލަންވީ. ކުޅުންތެރިންގެ ކިބައިން ކޮންމެވެސް ވަރަކަށް މާޔޫސްކަމެއް އެބަ ފެނޭ. ގޯލުތަކެއް މިސްވެފަ ހުރީމަ. އެހެންވީމަ ކޮންފިޑެންސްއަލުން ގެންނަންވީ. ހަމަޖެހިލައިގެން ކުޅެލާ. ޑޫ ޔޯރ ބޭސްޓް" ކުޅުންތެރިންނަށް އަމާޒުކޮށް ހެނަންޑޭޒް ބުންޏެވެ.

ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ ބުނީ އެކި ސަބަބުތަކާހުރެ މާޒިޔާގެ އަސްލު ކުޅުން އަދި މިހާތަނަށް ދެއްކިފައިނުވާ ކަމަށެވެ. އަދި މާޒިޔާއާ ދެކޮޅަށް މުބާރާތުގައި ނުކުންނަ އޮޑިއަކީ ވަރަށް ވަރުގަދަ ޓީމެއްކަންވެސް އޭނާ ފާހަގަކުރިއެވެ.

"އޮޑިއަކީ ވަރަށް ވަރުގަދަ ޓީމެއް މިމުބާރާތުގަ. މިމުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމު. އެކަމަކުވެސް މާޒިޔާއިން ކުރަންޖެހޭ ކަންތައް މާޒިޔާއިން ކުރާނަން. އިރާދަކުރެއްވިއްޔާ މިމުބާރާތް ކާމިޔާބުކުރެވޭތޯ މަސައްކަތްކުރާނީ" ސަމޫހް ބުންޏެވެ.

މި މުބާރާތުގެ ފައިނަލަށް މާޒިޔާ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި 1-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.