ބްރެޒިލްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ އެކުލަވާލި ޓީމުން ފޯވާޑް ނޭމާ އާއި ރޮޑްރީގޯ އުނިކޮށް، މިޑްފީލްޑަރު ކަސެމީރޯއަށް ޖާގަ ދީފިއެވެ.
ތަޖުރިބާކާރު ފޯވާޑް ނޭމާ އާއި އަންޗެލޮޓީ އެންމެ ފަހުން ކޯޗުކޮށްދިން ރެއާލް މެޑްރިޑްގެ ފޯވާޑް ރޮޑްރީގޯ މުޅިން ފިޓެއް ނޫނެވެ. މި ދެ ކުޅުންތެރިންނަށް ޖާގަ ދީފައިނުވާއިރު މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ ވެފައިވަނީ އަންޗެލޮޓީގެ އިތުބާރު ލިބިފައިވާ ކުޅުންތެރިއަކަށެވެ. އޭނާ ވަނީ އަންޗެލޮޓީގެ ކޯޗުކަމުގައި ރެއާލް މެޑްރިޑަށް ކުޅެފަ އެވެ. އޭނާ އަށް އަލުން ގައުމީ ޓީމުން ޖާގަ ދީފައިމިވަނީ ގާތްގަނޑަކަށް އަހަރަކަށް ފަހު އެވެ.
އަންޗެލޮޓީ ބުނީ ކަސެމީރޯ ފަދަ ކުޅުންތެރިން ގައުމީ ޓީމަށް ވަރަށް މުހިންމު ކަމަށެވެ.
"ވަރުގަދަ، ހުނަރުވެރި، އަދި ޝަހުސިއްޔަތު ހުރި މި ކަހަލަ ކުޅުންތެރިން ގައުމީ ޓީމަށް ބޭނުންވާނެ. މި ޒަމާނުގެ ފުޓްބޯޅައިގައި ރަނގަޅު ޝަހުސިއްޔަތުން ތިބެންޖެހެ. ކެރިގެން ކުރިމަތިލައި ދާ އޮރިވާނެ ކުޅުންތެރިން ބޭނުންވާނެ. ކަސެމީރޯ އަކީ އެފަދަ ކުޅުންތެރިއެއް. އަދި މި ސްކޮޑުގައި އެފަދަ އެތައް ކުޅުންތެރިންނެއް އެބަތިބި. އެންމެ މުހިންމު އަމާޒަކީ ވޯލްޑްކަޕް ތައްޔާރުވުން،" އަންޗެލޯޓީ ބުންޏެވެ.
އޭނާ ބުނީ ނޭމާ ކުލަބުގައި ފަރިތަކުރަން ފެށި ނަމަވެސް ގައުމީ ޓީމަށް ނުނެގެނީ ކުޅުންތެރިޔާއާ މަޝްވަރާ ކޮށްފައި ކަމަށެވެ.
"ނަސީބު ދެރަކަމުން ނޭމާ ފަދަ އެތައް ކުޅުންތެރިންނެއް އެބަތިބި އަނިޔާގެ ސަބަބުން އަހަރުމެން ޓީމުގައި ނުހިމެނިފައި. ބްރެޒިލްގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި. ނޭމާ އަކީ އަހަރެންގެ ޕްލޭނުގައިވާ ކުޅުންތެރިއެއް. އޭނާ އަލުން ބްރެޒިލް ލީގުގައި ކުޅެން އައީ އަންނަ އަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވާން. އަހަރެން މިއަދު ހެނދުނު އޭނާއާ ވާހަކަ ދެއްކިން. އަހަރެންނާއި އޭނާއާ ގުޅުން އެބައޮތް،" އަންޗެލޯޓީ ބުންޏެވެ.
ރެއާލް މެޑްރިޑްގެ ސީޒަން ހޮނިހިރު ދުވަހު ނިންމާލުމަށްފަހު އަންޗެލޮޓީ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯއަށް ދިޔައީ އާދިއްތަ ދުވަހުގެ ރޭގަ އެވެ. ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އަދި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމުގެ ކޯޗަކަށް ހަމަޖެއްސި ބިދޭސީ ފުރަތަމަ ކޯޗު ބުނީ އޭނާގެ ކޯޗުކަމުގައި ފޯވަޑް ވިނީޝިއުސް މޮޅަށް ކުޅޭނެ ކަމާމެދު ޝައްކެއްނެތް ކަމަށެވެ.
"އަހަރެންނަށް ވަރަށް ޔަގީންކަން އެބައޮތް އޭނާ މޮޅަށް ކުޅޭނެ ކަމުގެ. ވިނީޝިއުސް އޭނާގެ އެންމެ މޮޅު ކުޅުން ގައުމީ ޓީމުގައި ދައްކާނެ. މި ސީޒަނުގައި އޭނާ ރެއާލްގައި ދެއްކި ކުޅުމެއްނޫން. ހުސްވި އަހަރު ދެއްކި މޮޅު ކުޅުން އޭނާ ކުޅޭނެ،" އަންޗެލޮޓީ ބުންޏެވެ.
އިކުއެޑޯ އާއި ޕްރެގުއޭއާ ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިންގައި ކުޅެން ނެގި ޓީމުގައި ހިމަނާފައިވަނީ ތިން ކީޕަރުންނެވެ. އެއީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ އާއި އަލް ނަސްރުގެ ބެންޓޯ އާއި ކޮރިންތިއަންސްގެ ހޫގޯ ސުއާޒޯ އެވެ.