ކުޅިވަރު

އާނޯލްޑް ވިއްކާ އަގު ލިވަޕޫލްއިން ބޮޑުކޮށްފި


ފީފާ ކުލަބު ވޯލްޑް ކަޕުގައި ކުޅެން ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ރެއާލް މެޑްރިޑަށް ދޫކޮށްލަން ކީ އަގު ލިވަޕޫލްއިން ބޮޑުކޮށްފިއެވެ.

ލިވަޕޫލްގެ ކަނާތު ފުލްބެކް އާނޯލްޑަކީ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ސޮއިކުރަން ނިންމާފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ލައްވައި ކުލަބު ވޯލްޑް ކަޕުގައި ކުޅުވަން ރެއާލް މެޑްރިޑުން ފައިސާ ދޭން ޖެހެނީ އެހާތަނަށް ލިވަޕޫލްގެ އެއްބަސްވުން ނުނިމޭތީއެވެ.

އާނޯލްޑް ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ކުރިން އޭނާ ރެއާލްއަށް ކުޅޭނަމަ އެކަމުގެ އަގެއްގެ ގޮތުގައި ލިވަޕޫލްއިން ހުށަހަޅާފައިވަނީ އެކެއް ނުވަތަ ދޮޅު މިލިޔަންގެ އަދަދެކެވެ. ނަމަވެސް މިހާރު ލިވަޕޫލުން ވަނީ މި އަދަދު ފަސް މިލިއަން ޔޫރޯ އަށް ބޮޑުކޮށްފަ އެވެ. ސްޕޭނުގެ މީޑިޔާތަކުން ބުނަނީ ލިވަޕޫލުން އަގު ބޮޑު ކުރީ ރެއާލް އަށް ކޮންމެ ގޮތަކުން ވެސް އާނޮލްޑް ލައްވައި ކުޅުވަން ބޭނުންނަމަ ލިވަޕޫލް ކިޔާ އަގެއް ދޭން މަޖުބޫރުވާނެތީ ކަމަށެވެ.

ރެއާލް މެޑްރިޑުން ކުލަބު ވޯލްޑް ކަޕް ކަޕަށް އާނޯލްޑް ގެންދަން ބޭނުންވަނީ އެކުލަބުގެ ޑިފެންސް ލައިނުގައި ތިބި ކުޅުންތެރިންގެ ތެރެއިން ފަސް ޑިފެންޑަރަކު އަނިޔާގައި ތިބުމުންނެވެ.

ރެއާލްއިން ލަފާކުރާ ގޮތުގައި އަންނަ މަހުގެ 15 ވަނަ ދުވަހު މުބާރާތް ފަށާއިރު، ކުލަބުގައި މުޅިން ފިޓްކޮށް ތިބޭނީ ޖުމުލަ ތިން ޑިފެންޑަރުންނެވެ. އެހެންވެ އާނޯލްޑްގެ މުހިންމުކަން ވަނީ ވަރަށް ބޮޑުވެފައެވެ. މީގެ އިތުރުން އެ ޓީމުން ދަނީ ބެންފީކާގެ ކަނާތު ބެކް ކަރެރާސް ގަތުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލްގައި ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު އާނޯލްޑަކީ ޑިފެންސް ކުރުމާއި އެޓޭކުގައިވެސް މޮޅު ކުޅުންތެރިއެކެވެ. އަދި ސެޓް-ޕީސްތަކުގައި މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ އަންނަ ސީޒަނަށް ރެއާލް ވަރުގަދަކުރުމަށް ފަށާފައިވާ ޕްލޭނުގެ މުހިންމު ކުޅުންތެރިއެކެވެ.