ކުޅިވަރު

ބާސެލޯނާގެ އެއްބަސްވުން ޝެޒްނީ އާއި ޔަމާލް އައުކޮށްފި


ޔޫރަޕުގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ލަމީން ޔަމާލް އާއި ތަޖުރިބާކާރު ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ، ބާސެލޯނާ އާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

މި އެއްބަސްވުމާއެކު 2031 ވަނަ އަހަރުގެ ނިޔަލަށް އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ ކުޅޭނީ ބާސެލޯނާ އަށެވެ. ހުސްވި އަހަރުގެ ޔޫރޯ ސްޕޭނަށް ހޯދައިދޭން މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ޔަމާލް ވަނީ މި ހަފުތާގައި ނިމުނު ސީޒަނުގައި ބާސެލޯނާގައި އޭނާގެ ވިދުން ގަދަކޮށްފަ އެވެ.

ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށް، ސްޕެނިޝް ލީގާއި ސުޕަކަޕް އަދި ކޮޕާ ޑެލްރޭ ހޯދިއިރު މި ކާމިޔާބީތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ ވެސް ޔަމާލެވެ. މިހެންވެ މި ސީޒަނުގެ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބްލޮންޑީއޯ އެވޯޑް ލިބުން އެންމެ ގާތީ އޭނާ އަށް ކަމަށް ބުނާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޕޮލެންޑްގެ ކީޕަރު ޝެޒްނީ ކޮންޓްރެކްޓް އައުކުރީ ދެ އަހަރު ދުވަހަށެވެ. ރިޓަޔާ ކޮށްގެން ހުރުމަށްފަހު މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެން ފެށި ކީޕަރު ވަނީ ބާސެލޯނާ އަށް ތިން ތަށި ހޯދައިދިނުމުގައި މޮޅަށް ކުޅެފަ އެވެ. އުމުރުން 32 އަހަރުގެ ކީޕަރަކަށް ބާސެލޯނާއިން އައު ކޮންޓްރެކްޓެއް ދިނީ ކުޅުން ރަނގަޅުވެފައި ތަޖުރިބާކާރު ކީޕަރަކު ބެހެއްޓުން މުހިންމު ކަމަށް ދެކިގެންނެވެ.

ޝެޒްނީ ކޮންޓްރެކްޓް އާ ކުރި ނަމަވެސް އަންނަ ސީޒަނުގައި އޭނާ އަށް ފުރަތަމަ 11އިން ޖާގަ ލިބުން ދުރެވެ. އެއީ މި ސީޒަނުގެ ބޮޑުބައެއްގައި އަނިޔާގައި ހުރި އެއްވަނަ ކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން ފިޓްވުމުން އޭނާ އަށް ކީޕަރުކަން ދޭން ހަމަޖައްސާފައިވާތީ އެވެ. ޝެޒްނީ ބުނީ ކެޕްޓަން އެނބުރި އައިސް އޭނާގެ އަންގި އަތުލައި ކީޕަރަކަށް ކުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.