އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން އިންވެސްޓްމަންޓްގެ ފުރުސަތުތައް ވިޔަފާރިތަކަށް ލިބެންފަށާފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޭރުގެ އިންވެސްޓަރުންވެސް ވަނީ ބައިވެރިވެފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ ޑިރެކްޓަރ އިންވެސްޓްމަންޓް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވީ، މިހާރުވެސް އެކުންފުނިން ބޭނުންވާ މަންޒަރު މައުރަޒުން ފެންނަން ފަށާފައިވާކަމަށެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިވެފައިވާ ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްމަންޓްގެ ފުރުސަތުތައް ލިބެމުން އަންނަކަމަށާއި ބައްދަލުވުންތައް ބޭއްވެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"މި އުފެދެނީ ވިޔަފާރީގައި އަޅުގަނޑުމެން މި ބޭނުންވާ މާހައުލު. މީގެތެރެއަށް ބައިނަލްއަޤްވާމީ އެހެން އެގްޒެބިޓަރުންވެސް އެބަ ބައިވެރިވެވަޑައިގަންނަވާ. އެބޭފުޅުންނާއެކު އެ ދެކެވޭ ވާހަކަތަކުގެ ތެރެއިން އަނެއްކާ ބައިނަލްއަޤްވާމީ މައިދާނުގައި މިހާރު ހުރި ފުރުސަތުތަކާއި ރާއްޖޭގައި ހުރި އުފެއްދުންތަކާއި ކަނެކްޓްވާން ފުރުސަތުތަކެއް އެބަ ލިބިގެންދޭ. މިއީ އަސްލު މައުރަޒު މައުރަޒެއްގެ ގޮތުގައި މިފަހަރު އަޅުގަނޑުމެން ބޭނުންވާ މަޤްސަދު" އީމާން ވިދާޅުވިއެވެ.
މައުރަޒުގެ މިހާތަނަށް ލިބުނު ތަރުހީބު މިހާ ރަނގަޅުވުމަކީ މައުރަޒު ނިމިގެންދާއިރު ބީސީސީން ހާސިލްކުރަން ބޭނުންވާ ހުރިހާ ލަނޑުދަނޑިއެއް ހާސިލްވެގެންދާނެކަމުގެ ޔަޤީންކަން ލިބޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އީމާން ވިދާޅުވީ މައުރަޒަށް މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ޒިޔާރަތްކޮށްފައިވާކަމަށެވެ. ފަތުރުވެރިންނަށް ދިވެހި އުފެއްދުންތެރިކަން ލިބި ވިޔަފާރިތަކަށް ބޮޑު މާކެޓެއް ލިބެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
9 ދުވަހުގެ މުއްތައް ކުރިއަށްދާ މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.
މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.