22 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އެން ސްޕޯޓްސް އެކެޑަމީން ހޯދައިފިއެވެ.
އެން ސްޕޯޓްސް އެކެޑަމީން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި 34-31 ގެ ނަތީޖާއަކުން އެމްވީ ނެޓަރސް ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތަރު ކުއާޓާގައިވެސް ލީޑު ނަގާފައިވަނީ އެން ސްޕޯޓްސް އެކެޑަމީންނެވެ. އެހެންނަމަވެސް އެމްވީ ނެޓަރސްގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އެން ސްޕޯޓްސް އެކެޑަމީން ހޯދުމާއެކު އެ ޓީމު މިހާރު ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ.
ގައުމީ ނެޓްބޯޅަ މުބާރާތުގެ ކުޅުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. ޖުމްލަ 11 ޓީމެއް މި މުބާރާތުގައި ވާދަކޮށްފައިވާއިރު، ފުރަތަމަ ޑިވިޝަނުގެ ފައިނަލް މެޗު ތާވަލުކޮށްފަވަނީ މިރެއަށެވެ. އެ މެޗުގައި ބައްދަލުކުރާނީ ކުލަބު ގްރީން ސްޓްރީޓްސް އާއި މެޓްރިކްސްއެވެ.