ޚަބަރު

ހަފްތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް، ސަމާލުވޭ!


  • ހއ. އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށްވަނީ ރީނދޫ ސަމާލު ނެރެފައި

  • ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ

ހަފްތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ވައި ބާރުވެ، ކަނޑުތައް ގަދަވާނެތީ މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފައެެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށް މިއަދު އިރުއޮއްސި 18:30އާ ހަމައަށެވެ. އަދި ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ މިއަދު ހަވީރު 18:00 އާހަމައަށް އެސަރަހައްދަށްވެސްވަނޫ ހުދު ސަމާލު ނެރެފައެެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިގަޑިތަކުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރައްވާފައިވާގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ގުގުރުން އެކަށީގެން ވެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. އެއިދާރާއިން ލަފާކުރައްވާފައިވާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެން ވާކަމަށެވެ.