ޚަބަރު

ލީގު ކަޕުގެ މޮޅު ކުޅުންތެރިއަކަށް އައިހަމް، ރަން ބޫޓް އިލާނަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދިޔަ ލީގު ކަޕް 2025 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަޙްމަދު އައިހަމް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި މާޒިޔާއިން 4-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދާފައިވާއިރު، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އައިހަމްއެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުން ކުޅުންތެރިޔާގެ މަގާމު ހޯދާ މުބާރާތުގެ ރަން ބޫޓް ހޯދީ ފައިނަލް މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޑަވަގުތުކޮޅަކަށް ކުޅެން އެރުވި މުޙައްމަދު އިލާން އިމްރާނެއެވެ. މުޅި މުބާރާތުގައި ހަތަރު ލަނޑު ޖެހި އިލާން ވަނީ ރޭގެ މެޗުގައިވެސް ގާތްގާތުގައި ދެ ލަނޑު ޖަހާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ޓީސީ ސްޕޯޓްސް ކުލަބުގެ ސްރީލަންކާގެ ކީޕަރު ސުޖަން ޕެރޭރާއެވެ.

ލީގުކަޕް 2025 ގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށް ވަނީ ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ރަނަރަޕް ޓީމު އޮޑި ސްޕޯޓްސް ކުލަބަށް އެއްލައްކަ ފަންސާސްހާސް ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. ފެއާޕްލޭ ޓީމަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު މި މުބާރާތުގެ ފެއާޕްލޭ ޓީމަކީ މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

އެފްއޭއެމްގެ އެކްޓިންގ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު "ޕީއެސްއެމް ނިއުސް" އަށް ވިދާޅުވީ މި މުބާރާތް ކުރިޔަށް ދިޔައީ އެފްއޭއެމުން އުންމީދު ކުރިގޮތަށް ވަރަށް ރަނގަޅަށް ކަމަށެވެ.

"ވަރަށް ސްމޫތްކޮށް ގެންދެވުނީ. މި މުބާރާތް ކުރިޔަށް ގެންދެވުނީ ފީފާ އާއި ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން" ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ލީގުކަޕްގައި ބައިވެރިވި ކުލަބުތަކުންވެސް ލިބުނީ ޕޮސިޓިވް ފީޑްބެކްތަކެއް ކަމަށާއި، އިންތިޒާމުތައް ދިޔައީ ރަނގަޅަށް ކަމަށެވެ.

މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީ އެފްއޭއެމްގެ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތުންކަން ފާހަގަކޮށް އެ އިދާރާގެ މުވައްޒަފުންނާއި އެކި ގޮތްގޮތުން ލީގު ކަޕަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ޝުޖާއު ވިދާޅުވިއެވެ.