މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފިއެވެ. އެމްޓީޑީސީއިން މިގޮތަށް ފާސްކޮށްފައިވަނީ ހޮޓެލް ޖެންްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 50 ލާރި ބެހުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތައިގެ ވޯޓުންނެވެ. މިދިޔަ އަހަރު އެމްޓީޑީސީއިން ހިއްސާގެ ފައިދާގެގޮތުގައި ބަހާފައިވަނީ 60 ލާރިއެވެ. އެހެންކަމުން މިއީ 16 އިންސައްތަ ދަށް އަދަދެކެވެ.
މި ޖަލްސާގައި 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 27000 ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
އެމްޓީޑީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.9 މިލިޔަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 3.1 މިލިޔަން އެމެރިކާ ޑޮލަރާއި އަޅާބަލާއިރު 38.7 އިންސައްތަ ދަށް އަދަދެކެވެ.
2023 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު އެމްޓީޑީސީއަށް ލިބުނު ފައިދާ ދަށްވެފައިވާ ސަބަބު ފާހަގަކުރައްވާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒް ވިދާޅުވީ، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ނާގޯށި ސަބްލީޒްކުުރުން ހުއްޓާލުމުގެ ސަބަބުން ރެވެނިއު ރެކޯޑިންގ ހުއްޓުމަކަށް އައުމުންކަމަށެވެ.
"މީގެ މައިގަނޑު ސަބަބެއްކަމުގައި ދަންނަވަން އޮތީ މީ ހަމައަނެއްކާވެސް ނާގޮށީގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް. އެއީ މިހާރު ނާގޮށީގެ ރެވެނިއު ހަދާއިރު، ސަބްލީޒްކުރެވޭއިރުގައި އެތަނުން އެއްޗެއް ނުލިބުނަސް އޭގެ ރެވެނިއުތައް އަޅުގަނޑުމެން ޖެހޭ ރެކޯޑްކުރަން. އޭރު ސަބްލީޒްކުރިއިރު ލިބޭނެކަމަށް ލަފާކުރެވޭ ރެވެނިއު އަޅުގަނޑުމެން ޖެހޭ ރެކޯޑްކުރަން. އަދި މިހާރު މި އެގްރިމެންޓް އުވާލާފަ އޮތީމަ، ރެކޯޑް ކުރަމުންދިޔަ ރެވެނިއުތައް މިހާރު ރެކޯޑެއްނުކުރާނެ. އެހެންވެ 2024ވަނަ އަހަރު ލިބުނު އާމްދަނީ ދަށްވެފަ އެއިނީ." އެމްޓީޑީސީގެ އެމްޑީ އަޙްމަދު ނިޔާޒް ވިދާޅުވިއެވެ.
ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.