އާޖެންޓީނާގެ ފޯވާޑް އަންހެލް ޑި މާރިއާއަށް ދީފައިވާ އިންޒާރުތަކަށްފަހުވެސް އޭނާގެ ކުރީގެ ކުލަބު ރޮސާރިއޯއަށް ކުޅެން ނިންމައިފިއެވެ.
އުމުރުން 37 އަހަރުގެ ޑި މާރިއާ މަތީ ފަންތީގެ ފުޓްބޯޅަ ކުޅެން ފަށާފައިވަނީ 2005 ވަނަ އަހަރު ރޮސާރިއޯ އިންނެވެ. އޭނާ ވަނީ ޔޫރަޕަށް ބަދަލުވުމުގެ ކުރިން ރޮސާރިއޯއަށް ދެ ސީޒަނުގައި ކުޅެފަ އެވެ.
އަދި އޭގެ ފަހުން ޑިމާރިޔާ ވަނީ ޔޫރަޕްގެ ނަން މަޝްހޫރު ވަރުގަދަ ކްލަބްތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ ބެންފީކާ އާއި ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި ފްރާންސްގެ ޕީއެސްޖީގެ އިތުރުން އިޓަލީގެ ޔުވެންޓަސް ހިމެނެ އެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއިން ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ޑި މާރިއާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.
މިދިޔަ ހޫނު މޫސުމުގައި ރޮސާރިއޯ އަށް ބަދަލުވުމަށް ޑި މާރިއާ މަސައްކަތް ކުރި ނަމަވެސް އޭރު އޭނާއަށް ލިބުނު މަރުގެ އިންޒާރު ތަކާއި ގުޅިގެން އޭނާ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ޑި މާރިއާ ބުނެފައިވަނީ ރޮސާރިއޯއަށް އޭނާ ބަދަލުވާ ވާހަކަ ދެކެވުމާއިއެކު އޭނާގެ ދައްތައެއް ހިންގާ ފިހާރައެއް ކުރިމަތީގައި ޖަނަވާރެއްގެ ބޯ ބުރިކޮށްލުމަށްފަހު ނޯޓެއް ބާއްވާފައިވާ ކަމަށެވެ.
"އަހަރެންގެ ދައްތަ ވިޔަފާރި ކުރާ ތަނުގެ ކުރިމަތީގައި ހުރި ފޮށިގަނޑެއްގައި ޖަނަވާރެއްގެ ބޯ ބުރިކޮށްލުމަށްފަހު އޮތް ނޯޓެއްގައި ބުނެފައިވަނީ އަހަރެން ރޮސާރިއޯއަށް އައިސްފިނަމަ ދެން އެގޮތަށް ފެންނާނީ އަހަރެންގެ ދަރިފުޅު ޕިއާގެ ބޯ ކަމަށް." ޑި މާރިއާ ބުންޏެވެ.
ޑި މާރިއާ އިތުރަށް ބުނެފައިވަނީ އެއީ ބިރުވެރި ދުވަސްތަކެއް ނަމަވެސް އެކަންތައް މަތިން މިހާރު ހަނދާން ކުރަން ބޭނުނުވާ ކަމަށެވެ.
ޔޫރަޕްގައި ހޭދަކުރި ކާމިޔާބު ދުވަސްތަކުގައި ޑިމާރިޔާ ވަނީ 30 ތަށި ހޯދާފަ އެވެ. އޭގެ ތެރޭގައި ތިން ގައުމުގެ ލީގު ޗެމްޕިއަންކަމާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ވޯލްޑްކަޕް އަދި ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ހިމެނެ އެވެ.
2023 ވަނަ އަހަރު ދެވަނަ ފަހަރަށް ބެންފީކާ އާއި ގުޅުނު ޑި މާރިއާ އަންނަ މަހު އެމެރިކާގައި އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕަށްފަހު ބެންފީކާ ދޫކޮށް ރޮސާރިއޯ އާއި ގުޅޭނެ އެވެ.