ޚަބަރު

ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ


  • ނާގޯށި ތަރައްޤީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން

  • އަންނަ އަހަރުގެ ފަހުކޮޅު ނާގޯށީގެ އޮޕަރޭޝަންތައް ފެށުންމަކީ އަމާޒެއް

ތިލަދުންމަތީ އުތުރުބުރީ ނާގޯށީގައި ތަރައްޤީކުރާ ރިސޯޓު އިމާރާތްކުރުމުގެ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ. ނިޔާޒް މިހެން ވިދާޅުވީ، ހޮޓެލް ޖެންގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ހދ. ނާގޯއްޓަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ރިސޯޓް ތަރައްޤީކުރަން ދޫކޮށްފައިއޮތް ރަށެކެވެ.

ނާގޯށީގައި އެންމެ ފަހުގެ މަސައްކަތްތައް ހިއްސާކުރައްވާ ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިޔާޒް ވިދާޅުވީ، މިރަށުގެ ކުރެހުންތަޢް މިހާރު ނިމިފައިވާކަމަށެވެ. އަދި މި ރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ހޯދަންޖެހޭ ހުރިހާ ހުއްދަތަކެއް ހޯދާފައިވާ ކަމަށާއި، އެރަށުގެ ކޮންސްޓަރަކްޝަން ޕްލޭންގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު މި ކުރިއަށްދާ މަސައްކަތަކީ މި ޕްރޮޖެކްޓުގެ ފައިނޭންސް ހޯދާނެ ގޮތް. ދެންމެ މި ދެންނެވި ގޮތަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، މާލީ ވުޒާރާއާއި އެކު ބޭއްވެވި މަޝްވަރާތަކާއެކު އަޅުގަނޑުމެން މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ގާތްގަނޑަކަށް ހަމަޖެހުމުގެ މަގުގައި އޮތީ." އެމްޓީޑީސީގެ އެމްޑީ އަހުމަދު ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި ފަށާނެކަމަށެވެ.

"މިހާރުވެސް އެރަށުގެ ކުރީގަ އިމާރާތްކޮށްފައިވާ ސަރަހައްދުތައް ސާވޭކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އެހެންމަ އަޅުގަނޑުމެން މޯބަލައިޒްކޮށްފަ ކޮންސްޓްރަކްޝަން މަސައްކަތް މިބަލަނީ މި ކުއާޓަރުގައި ފެށުމަށް. އެންމެ ލަސްވެގެން މި އުންމީދުކުރަނީ މިއަންނަ ޖުލައި އަދި ޖޫންމަހު މިރަށުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށޭނެކަމަށް." އެމްޓީޑީސީގެ އެމްޑީ އަހުމަދު ނިޔާޒް ވިދާޅުވިއެވެ.

ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006ވަނަ އަހަރުއެވެ. އޭރު އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ކުންފުންޏަކަށެވެ. އެފަރާތުން ޚަރަދުކޮށް މަސައްކަތްތަކެއްވެސް ކުރިކަމަށް އެމްޓީޑީސީން ވަނީ ބުނެފައެވެ. ނަމަވެސް 2012ވަނަ އަހަރު ދިމާވި މާލީ ހާލަތާއި ގުޅިގެން އެކުންފުންޏަކަށް ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނެވެ.

2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ވުމާއެކު މި އެގްރިމެންޓް ވަނީ އުވާލާފައެވެ.

ނާގޯށީގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެމްޓީޑީސީން ކުރިއަށްއޮތް ތަނުގައި ނާގޯށި ތަރައްޤީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ނާގޯށި ފުރަތަމަ ހުޅުވިގެންދާއިރު 183 ކޮޓަރި ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 100 ވޯޓަރ ވިލާ އާއި 83 ބީޗް ވިލާއެވެ.

ނާގޯށީގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް 37 މިލިއަން ޑޮލަރު ހަރަދުވާނޭކަމަށް އެމްޓީޑީސީއިން މައުލޫމާތުދެއެވެ. އަދި މިހާރު ކޮށްފައިހުރި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް 15 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އުއްމީދަނީ އަންނަ އަހަރުގެ ފަހުކޮޅު ނާގޯށީގެ އޮޕަރޭޝަންތައް ފެށުންކަމަށް އެމްޓީޑީސީއިން ވިދާޅުވިއެވެ.