ތ. ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލައި އެ 2 ރަށުގެ ދެމެދުގައި އޮންނަ ތ. އެލާ ފަތުރުވެރިކަމުގެ އެކި ބޭނުންތައް ކުރެވޭ ރަށެއްގެ ގޮތުގައި ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.
ތ. ކިނބިދޫއާއި ވޭމަންޑޫ ލިންކު ތަރައްޤީކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުމަށް މުހިންމު ޤައުމީ މަޝްރޫޢެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމެވީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ.
ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ކިނބިދޫ - ވޭމަންޑޫ ލިންކް ތަރައްޤީކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީކުރުމަށް ފައިނެންސްކުރުމަށް މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކޮށްދެވޭ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޢިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ކްރޮސް - ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުން ކަމަށެވެ. އެ ގޮތުން މަޝްރޫޢު ހިންގުމަށް ހޮވޭ އިންވެސްޓަރަކަށް ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށައެނޭނެއެވެ.
ޢިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ވުޒާރާއަށް އީމެއިލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކިލޯމީޓަރުގެ ކޯޒްވޭއެކެވެ. ކޯޒްވޭއާ ގުޅޭ މަގު 2 ރަށުގައިވެސް ތަރައްޤީކުރުމާއި ކޯޒްވޭއާއި ރަށާ ގުޅޭ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މަގުބައްތިތައްވެސް ކޯޒްވޭއާއި އަލަށް ހަދައި މަގުތަކުގައި ހަރުކުރެވޭނެއެވެ.