ޚަބަރު

ޢީދު ފަދަ މުނާސަބަތަކާ ގުޅިގެން ނަމަވެސް ރަސްމީ 3 ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ނޫން: ރައީސް


  • ޢީދާއި ގުޅިގެން މިއަހަރު ބަންދުވާނީ ހަމައެކަނި ކަލަންޑަރުގައިވާ ދުވަސްތައް

  • އަޟްޙާ ޢީދު ދުވަހަކީ ޖޫން 6ވާ ހުކުރު ދުވަސް

  • ޢީދާއި ގުޅިގެން ޖެހިގެން އަންނަ ހަފްތާގެ 2 ދުވަސް ބަންދުވާނެ

އަޟްހާ ޢިދުގެ މުނާސަބަތުގައި ބަންދުކުރާ ދުވަސްތަކުގެ އިތުރަށް އެހަފްތާގެ ރަސްމީ 3 ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ނޫންކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އަޟްޙާ ޢީދާއި ގުޅިގެން ބަންދުވާނީ ކަލަންޑަރުގައިވާ ދުވަސްތައް އެކަނިކަމަށް ސަރުކާރުން ހާމަކުރެއްވުމާއި ގުޅިގެން އެކަމާގުޅޭ ގޮތުން އެކި ފަރާތްތަކުން ޝުއޫރުފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ 7 ވަނަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަޟްޙާ ޢިދާ ދިމާކޮށް އެހަފްތާގެ 3 ދުވަސް ބަންދުވާނެކަމަށް ބައެއް އާންމު ފަރާތްތަކުން އުއްމީދުކުރައްވާކަމަށެވެ. މީގެ ކުރިން ޢީދުފަދަ މުނާސަބާތަކާއި ގުޅިގެން ހަފްތާ ބަންދު ނުވަތަ ރަސްމީ ބަންދު ދުވަހެއް ކުރިއަށް އޮތްނަމަ 1 ނުވަތަ 2 ދުވަސް ބަންދުކުރާކަމަށެވެ. އެހެންނަމަވެސް ރަސްމީ ދުވަސްތަކުގެ 3 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖެއްސެވުމަކީ އެންމެ ރަނގަޅުގޮތެއްކަމަށް ޤަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ.

"މީގެކުރިން އެބަހުރި 1 ދުވަސް ނުވަތަ ދެދުވަސް ހަފްތާ ތެރެއިން ވީމަ ބަންދުކޮށްފައި. އެހެންނަމަވެސް 3 ދުވަސް ބަންދުކުރުން އަޅުގަނޑަށް ޤަބޫލުކުރެވެނީ އެއީ ޒިންމާދާރު ގޮތެއް ނޫނޭ." ރައީސް ވިދާޅުވިއެވެ.

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދިމާވަނީ އަންނަ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހަށެވެ. ޢީދުގެ މުނާސަބަތާ ގުޅިގެން 3 ދުވަސް ބަންދުދުވަސްތަކުގެ ގޮތުގައި ސަރުކާރުން އޮންނަނީ ހަމަޖައްސަވާފައެވެ. ޢީދު ދުވަސް ހުކުރުދުވަހަށް ދިމާވުމުން ބަންދު ވަނީ ހޮނިހިރު ދުވަސް ހިމެނޭހެން ޖެހިގެން އަންނަ ހަފްތާގެ އާދިއްތަ އަދި ހޯމަ ދެދުވެވެ.

އެހެންކަމުން ހަފްތާގެ އަނެއް 3 ދުވަސް ބަންދުކުރާނެކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރިއެވެ. ޢީދާއި ދިމާކޮށް ގިނަ ބަޔަކު ޗުއްޓީއަށް އަތޮޅުތަކުގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރުމަކީ ދިވެހީންގެ ޢީދުގެ އާދަކާދައާއި ގުޅިފައިވާކަމެކެވެ. އެހެންކަމުން ސަރުކާރުންވަނީ ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދުކަމަށް ކަނޑައަޅާފައިވާ ދުވަސްތައް އެކަނިކަން ހާމަކުރައްވާފައެވެ.