ކުޅިވަރު

ފަޚުރުވެރި އެއްވަނައާއެކު މާސްޓަރސް އެތުލެޓިކްސް ޓީމު މާލެ އަތުވެއްޖެ


މި މަހުގެ 24 އިން 25 އަށް ސްރީ ލަންކާގައި ކުރިއަށްދިޔަ 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކޮށް ރަންވަނަތަކެއް ހޯދި ޓީމު މިއަދު މާލެ އަތުވެއްޖެއެވެ.

މާސްޓަރސް އެތުލެޓިކްސް ކުލަބުގެ ފަރާތުން ހަ މެމްބަރަކު މިމުބާރާތުގައި ވާދަކުރިއިރު، ރާއްޖޭގެ ޓީމުން ވަނީ ފަޚުރުވެރިވެރި ވަނަތަކެއް ހޯދާފައެވެ. މިގޮތުން ރާއްޖޭ ޓީމުގެ ނާފިޒާ އަޙްމަދު 1500 މީޓަރު ރޭހުން ރަން މެޑެލް ހާސިލްކޮށްފަވާއިރު، އަލީ ޝަރީފް ވަނީ 100 މީޓަރު ރޭހުން ރަން މެޑެލް ހޯދާފައެވެ.

އޭގެ އިތުރުން 200 މީޓަރު ރޭހުން މުޙައްމަދު އާމިރު ރިހި މެޑެލް ކަށަވަރުކޮށްފަވާއިރު، 300 މީޓަރު ހާޑްލްސްއިން ނާފިޒާ ހޯދި ލޯ މެޑެއްޔާއެކު އޭނާވަނީ މުބާރާތުން ޖުމްލަ ދެ މެޑެލް ހާސިލުކޮށްފައެވެ.

ފަސް ގައުމަކުން 700 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި، އެނުއަލް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީވެސް ރާއްޖޭގެ ޓީމެވެ. ރާއްޖޭގެ ޓީމަށް މި ޝަރަފު ލިބުނީ މުޅި ޓީމުގެ ޕާފޯމަންސަށް ބެލުމަށްފަހު އެންމެ މަތިން ޕޮއިންޓް ހޯދި ޓީމަކަށް ރާއްޖޭގެ ޓީމު ވުމުންނެވެ.

ބައިނަލްއަގުވާމީ މިފަދަ މުބާރާތެއްގައި ރާއްޖޭގެ ޓީމެއް ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ. މާސްޓަރސް އެތުލެޓިކްސް ކުލަބުން ބުނީ އެކުލަބުން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މުބާރާތްތައް ގައުމީ ފެންވަރުގައި އިންތިޒާމުކޮށް، އެތުލީޓުންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕު ބާއްވާފައިވަނީ ކޮލޮމްބޯގެ ސުގަތަދަސާ ސްޓޭޑިއަމްގައެވެ.