ޚަބަރު

އެހީތެރިވެ، ބަދަހި ގުޅުންތައް އުފެއްދުމުގައި ސްކައުންޓުން ކުރަނީ ނަމޫނާ މަސައްކަތެއް: ރައީސް


  • ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ވަނީ ފުރިފައި

  • ކޮންމެ މުހިންމު ކަމެއްގައި އެހީވުމަށް އަބަދުވެސް ސްކައުޓުން ތިބެނީ ތައްޔާރަށްކަމަށް ވިދާޅުވި

އިޖުތިމާޢީ ގޮތުން އެހީތެރިވެދީ، ބަދަހި ގުޅުންތައް އުފެއްދުމުގައި ރާއްޖޭގެ ސްކައުންޓުން ކުރަނީ ނަމޫނާ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ، މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރިންނަށް އަރިސްކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި އެހީވުމަށް ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށެވެ. އަދި އިޖުތިމާޢީ ގޮތުން އެހީތެރިވެދީ، ބަދަހި ގުޅުންތައް އުފެއްދުމުގައި ރާއްޖޭގެ ސްކައުންޓުން ކުރަނީ ނަމޫނާ ތަޢުރީފު ޙައްޤު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. އޭރު މި ޙަރަކާތް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަ ޙަރަކާތެއްގެ ގޮތުގައެވެ.

ބައިނަލްއަޤުވާމީ ސްކައުޓް ޖަމިއްޔާ ވޯލްޑް އޯރގަނައިޒޭޝަން އޮފް ދަ ސްކައުޓްގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1990 ވަނަ އަހަރުގައެވެ. އެ ނިންމުމާއެކު މިހާތަނަށް ދިވެހި ސްކައުޓުން ވަނީ ކުރު މުއްދަތާއި، ދިގު މުއްދަތުގެ ތަފާތު ގިނަ ޖަމްބޮރީތަކުގައި ވެސް ބައިވެރިވެފައެވެ. އަދި ރާއްޖޭގައިވެސް މުހިއްމު ޖަމްބޮރީތައްވަނީ ބާއްވާފައެވެ.

މީގެ އިތުރުން ރާއްޖެއިން ދަނީ ސްކައުޓް ދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ތަފާތު ކުރިއެރުންތަކާއި އެވޯޑްތައް ޙާސިލްކުރަމުންނެވެ. އެގޮތުން ދާދިފަހުން ސްކައުޓް ޙަރަކާތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޗެއަރމަން ދެއްވާ އެވޯޑް ރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ޗީފް ކޮމިޝަނަރ މަޢީދު މުޙައްމަދު ޒާހިރަށް ވަނީ ލިބިލައްވާފައެވެ.

އަދުގެ ސަރުކާރުންވެސް ވަނީ ސްކައުޓް ހަރަކާތް ކުރިއަށްގެންދިއުމާއި އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން ސްކައުޓް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސްކޫލްތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް ސަރުކާރުން އިތުރަށް މަސައްކަތްކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.