ޚަބަރު

ލާޖައްސާ އުސޫލުން ދަތި ގޯތިތައް ސަރުކާރަށްދީގެން ހިލޭ ގޯތި ހޯދުމުގެ ފުރުޞަތު މިއަހަރު ހުޅުވާލަނީ


  • ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ރަސްމާލެއިން ފުރުޞަތު ދެވޭނެ

  • ދޫކޮށްލާ ބިންތައް ތަރައްޤީކުރާނީ ގްރީން ސްޕޭސް ގޮތުގައި

މާލޭގައި ލޯނު ހޯދައިގެން ނުވަތަ އެނޫންވެސް ސަބަބުތަކާހުރެ އިމާރާތްކުރަން ދަތިވެފަވާ ބިންތައް، ލާޖައްސާ އުސޫލުން ސަރުކާރަށް ދިނުމަށްމަހު، މާލެ ސަރަޙައްދުން ހިލޭ ގޯތި ހޯދުމުގެ ފުރުޞަތު މިއަހަރު ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވީ މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތަށް އުނދަގޫވާގޮތަށް ހަނި ގޯޅިތަކާއި ކުދި ކަންމަތިތަކުގައި ހުރި ގޯތިތައް އެބަހުރިކަމަށެވެ. އެފަދަ ބައެއް ބިންތަކަކީ ލޯނު ހޯދައިގެން ނުވަތަ ކޮންޓްރެކްޓަރ ފައިނޭސް އުސޫލުންވެސް އިމާރާތްކުރެވޭނެ ގޮތެއް ނެތިފައި ތިބި ތަންތަންކަމަށާއި އޭގެ ސަބަބުން އެފަދަ ގެތަކުގެ މީހުންނަށް، ދިރިއުޅެވޭނެ ގޮތެއް ހޯދިފައި ނެތް މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތަށް ހުރި ގެތަކުގެ މީހުން ގެދޮރުވެރިކުރެވޭނެ ގޮތެއް ހޯދުމަށް، އެބިންތައް ލާ ޖައްސާ އުސޫލުން ސަރުކާރަށް ދޫކޮށްލާ، މާލޭ އޭރިއާގައި ހިއްކާ ބިންތަކުން ގޯތި ހޯދުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ލާ ޖައްސާ އުސޫލުން ދޫކޮށްލާ ބިންތަކަށް، އެ ގޯއްޗާ އެއް ސައިޒުގެ ގޯތި ދޭނެކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ، އިންތީޚާބުގެތެރޭގައި މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންދާ ވަޢުދެކެވެ.

"މިއަހަރު ތެރޭގައި މި މަސައްކަތް ކުރިއަށް ގެންދާނަން. އެމީހުންނަށް ގޯތި ލިބޭ ތަނަކާ ގުޅޭ ލިޔުން އަހަރު ނިމުމުގެ ކުރިން ހަވާލުކުރާނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެކަށީގެންވާ ގޮތަށް އިމާރާތްނުކުރެވޭހެން މާލޭގައި ހުރި ބިންތައް ދޫކޮށްލައި، އެމީހުންނަށް ގެދޮރު އަޅާ ދިރިއުޅެވޭނެ ތަނަކުން ގޯއްޗެއް ހޯދުމަކީ، ވަރަށް ގިނަ ބަޔަކު އެދެމުންދާކަމެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިގޮތަށް މާލެއިން ދޫކޮށްލާ ބިންތައް ތަރައްޤީކުރާނީ އާއްމުންނަށް ހިތްހަމަޖައްސާލެވޭގޮތަށް، ހުސް ޖާގަތަކެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"ވީހާވެސް ގިނަ ބަޔަކަށް ގޯތި ހޯދުމުގެ ފުރުޞަތު ދޭން ބޭނުންވަނީ. ހުސްވާ ބިންތައް ބޭނުންކުރާނީ އޯޕަން ގްރީން ޖާގަތަކެއްގެ ގޮތުގައި. ލިވަބަލް ހިތްގައިމު ތަންތަނަށް ހަދާނީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫއުގައި ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު ނުވަތަ ރަސްމާލެއިންވެސް ބިން ޚިޔާރުކުރުމުގެ ފުރުޞަތު ދޭނެކަމަށެވެ.