ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ކޮންޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންގެ އުފެއްދުންތައް ދައްކާލުމަށް ބޭއްވި ރޮބޮޓިކް ހެކަތަން ނިންމާލައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ އެމްއެންޔޫން ވިދާޅުވީ، މިއީ ކޮމްޕިއުޓަރ ސައިންސް ކިޔަވާ ދަރިވަރުންގެ ރޮބޮޓިކް މޮޑިއުލްގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ.
ރޮބޮޓިކް ހެކަތަން ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މިއީ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އިންތިޒާމުކުރި ފުރަތަމަ ރޮބޮޓިކްސް ހެކަތޯންކަމަށެވެ. އުއްމީދުކުރަނީ މިއީ އައު އީޖާދުތަކާއި، ތަޢުލީމީ ތަޖުރިބާތަކުގެ ފެށުން ކަމުގައިވުންކަމަށް ޝެހެނާޒް ވިދާޅުވިއެވެ.
ޝެހެނާޒް ވިދާޅުވީ އައު އީޖާދުތައް ފެށެނީ އުފެއްދުމުގެ ބާރު ލިބިފައިވާ ޒުވާނުންގެ ކިބައިންކަމަށެވެ. އެގޮތުން މި ހެކަތޯނުގެ ތެރެއިން އެކަން ފެނިގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްއެންޔޫގެ ތަޞައްވުރަކީ ޢަމަލީ މަސައްކަތް ދަސްކުރުމާއި އައު އީޖާދުތަކުގެ މަރުކަޒަކަށް ހެދުންކަމަށެވެ.
"އެމްއެންޔޫގެ ތަޞައްވުރަކީ ޢަމަލީ ދަސްކުރުމާއި އައު އީޖާދުތަކުގެ މަރުކަޒަކަށް ހެދުން. އެއީ ނަޒަރިއްޔާތާއި ޢަމަލީ ތަޖުރިބާ ބައްދަލުވާ ތަނެއް ހެދުމަށް. އަދި ދަރިވަރުން މުސްތަޤްބަލުގެ ޙައްލުތައް އުފެއްދުމުގައި ޢަމަލީގޮތުން ބައިވެރިވާ ތަނަކަށް ހެދުމަށް. މިފަދަ އިވެންޓުތަކުން އަޅުގަނޑުމެން އެ ތަޞައްވުރު ހާސިލްކުރުމަށް މަގުފަހިވޭ" ޝެހެނާޒް ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2 ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައި ދަރިވަރުން އަމިއްލައަށް ރޮބޮޓްތައް ހެދުމަށް ތަމްރީނުކޮށްދީ އެކަމުގެ އަމަލީ މަސައްކަތް ވަނީކޮށްފައެވެ. އެމްއެންޔޫއިން ވިދާޅުވީ މިފަދަ ހަރަކާތުގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާއިރު ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެމްއެންޔޫއުން ފާހަގަކުރެއެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީއިން ކޮންމެ އަހަރަކުވެސް ދަނީ ރޮބޮޓިކް ހެކަތަންތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ހެކަތަންގައިވެސް ދަރިވަރުން ވަނީ ތަފާތު ވައްތަރުގެ ރޮބޮޓްތައް އުފައްދާފައެވެ.