ބެލްޖިއަމްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާއަށް ގައުމީ ޓީމަށް ނުކުޅެވޭނެ ކަމަށް އޭނާގެ ކުލަބު ރެއާލް މެޑްރިޑުން ބުނެފިއެވެ.
ރެއާލްއިން ބުނީ އެ ޓީމުގެ އެއްވަނަ ކީޕަރަށް ވަނީ ހާނިއްކަވެފައި ކަމަށެވެ. މި ގޮތުން އޭނާގެ އުނނަގަނޑަށް ތަދުވެފައިވާ ކަމަށެވެ. އަދި މި އަނިޔާއިން އެއްކޮށް ސަލާމަތް ވުމަށް ކޯޓުއާ އަރާމު ކުރަން ޖެހޭ ކަމަށެވެ.
އުމުރުން 33 އަހަރުގެ ކީޕަރަށް މި ހާނިއްކައިގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގައި ބެލްޖިއަމް މި ހަފުތާގައި ކުޅޭ ދެ މެޗުގައި ނުކުޅެވޭނެ އެވެ. އެއީ ހުކުރު ދުވަހު އުތުރު މެސެޑޯނިއާ އާއި ހޯމަ ދުވަހު ވޭލްސްއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. ނަމަވެސް ރެއާލް މެޑްރިޑުން ބުނީ މި މަހު ފަށާ ކުލަބު ވޯލްޑް ކަޕުގައި ރެއާލް މެޑްރިޑް ކުޅޭ މެޗުތަކަށް ކޯޓުއާ ފިޓްވާނެ ކަމަށެވެ.
މި ކަމާ ގުޅިގެން ބެލްޖިއަމްގެ މީޑިއާތަކުން ވަނީ ރެއާލް މެޑްރިޑަށް ޝައްކުގެ ނަޒަރަކުން ބަލަން ފަށައިފައެވެ. އެއީ ކޮލިފައިން މެޗުތަކަށް ކޯޓުއާ ނުފޮނުވަން އެ ޓީމުން ބާރު އަޅާ ކަމަށް ބަލައިފަ އެވެ. އެއީ ކުލަބު ވޯލްޑް ކަޕް ރެއާލް އަށް މުހިންމު ވާއިރު ކޯޓުއާ އަށް ކޮލިފައިންގެ މެޗުތަކުގައި ކުޅެނިކޮށް އަނިޔާ އެއް ވެދާނެތީވެ އެ ކުލަބުން ބިރު ގަންނަ ކަމަށް ބުނެ އެވެ.
ކޯޓުއާ އަކީ އުމުރުން ދޮށި ވަމުން އަންނަ ކުޅުންތެރިއަކަށް ވުމުން ރެއާލް މެޑްރިޑުން އޭނާ އަށް ކޮންމެހެން ކުޅެން ޖެހޭ މުހިންމު މެޗުތަކުގައި ނޫނީ ގައުމީ ޓީމަށް ނުކުޅެން އިރުޝާދު ދޭ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ކޯޓުއާ ވަނީ ހުސްވި ސީޒަން ރެއާލްގައި މޮޅަށް ކުޅެފަ އެވެ. ނަމަވެސް އޭގެ ކުރީ ސީޒަން މުޅިން ކަހަލަ ގޮތަކަށް އޭނާ އަށް ގެއްލުނީ ސީޒަން ފަށަން އުޅެނިކޮށް ޕްރެކްޓިހުގައި ލިބުނު އަނިޔާ އެއްގެ ސަބަބުންނެވެ.