ކުޅިވަރު

އަހަރެން ކުރިއަށްވުރެ ޒުވާން، ކުޅޭނީ ބާސެލޯނާއަށް: ލެވަންޑޯސްކީ


ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާ ނޫން ޓީމަކަށް ކުޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފިއެވެ.

ޕޮލެންޑްގެ ކެޕްޓަން އަދި ފޯވަޑް މިހެން ބުނީ އޭނާ ރިޓަޔާ ކުރާނީ ކޮން އިރަކުތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ. އުމުރުން 37 އަހަރުގެ ފޯވަޑް ބުނީ ހަށިގަނޑުގެ ތަރުބިއްޔަތާއި ފިޓްނަސް އަށް ބަލާއިރު އޭނަ އަކީ މިހާރު ކުރި އަށް ވުރެ ޒުވާން ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެން ކުޅުން ހުއްޓާލާނީ އަހަރެން ހަށިގަނޑާއި ސިކުނޑި ދެން އަހަރެންނަށް ދަނޑުމަތީގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނަން ފެށި ހިސާބަކުން. މިހާރު އަހަރެންގެ ހަށިގަނޑަށް ބަލާއިރު އަހަރެންގެ ބައޮލިޖިކަލް އުމުރަކީ 32. އެހެންވީމާ އަދި އަހަރެންނަށް ކުޅެވޭނެ،" ލެވަންޑޯސްކީ ބުންޏެވެ.

އޭނާ ބުނީ އަންނަ ސީޒަނުގައި ބާސެލޯނާ ނޫން ޓީމަކަށް ކުޅުމުގެ ކުޑަކޮށް ވެސް ހިޔާލެއް ނެތް ކަމަށެވެ.

"ތިޔައީ އަހަރެންގެ ވިސްނުމުގައި އޮތް ކަމެއް ނޫން. އަހަރެންނަށް ޔަގީން އަހަރެން އަންނަ ސީޒަނުގައި ކުޅޭނީ ބާސެލޯނާ އަށް ކަން. އަހަރެން ހުރީ ފިޓްކޮށް. އަހަރެންގެ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އެބައޮތް. އަދި އެކަން އިތުރު ވެސް ވެދާނެ. އަހަރެން މިހުރީ ފިޓްކޮށް. ކުރިއާ އަޅާ ބަލާއިރު އަހަރެން ޖެހާ ގޯލު މަދެއްނޫން،" ލެވަންޑޯސްކީ ބުންޏެވެ.

ލެވަންޑޯސްކީ ބުނީ ކެރިއަރުގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ޑޯޓްމުންޑްގައި ވެސް ތަށިތަކެއް ލިބިއްޖެ ކަމަށާއި ބާސެލޯނާގައި ވެސް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.

ލެވަންޑޯސްކީ ބާސެލޯނާއާ ގުޅުނީ 2021 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އޭނާ ވަނީ ތިން ސީޒަން ކުޅެ އެ ކުލަބަށް 101 ގޯލު ޖަހައިދީފަ އެވެ. ފުރަތަމަ ސީޒަނުގައި 33 ގޯލު އަދި ދެ ވަނަ ސީޒަނުގައި 26 ގޯލު ޖެހިއިރު އެންމެ ގިނަ ގޯލު ޖެހީ ހުސްވި ސީޒަނުގަ އެވެ. އެއީ 42 ގޯލެވެ.