ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ސެޕްޓެމްބަރު މަހު ބޭއްވުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ނިންމައިފިއެވެ.
ކޮންމެ އަހަރަކު ބާއްވަމުންދާ، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.
ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން މުޅި ޤުރުއާން ހިތުދަސް ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭ ކޮންމެ މުއައްސަސާއަކަށްވެސް މި ބައިގައި ބޭނުން ޢަދަދަކަށް ހާފިޒުން ބައިވެރި ކުރެވިދާނެއެވެ. އަދި އަމިއްލަ ގޮތުންވެސް ބައިވެރިވެވޭއިރު މިބަޔަށް ޙާފިޒުކަމުގެ ސަނަދު ހުށަހަޅަން ޖެހެއެވެ.
މުއައްސަސާތަކުގައި ބައިގައި މިފަހަރު ބައިވެރިވެވޭނީ ކަމާބެހޭ އިދާރާއެއްގައި އުނގަންނައިދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަނަށެވެ. ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ ތަޢުލީމީ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލް މަދަރުސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނަށެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި އޮންނާނެއެވެ. މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެއެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.