ޚަބަރު

މާލީ އިދާރާއެއް ހިންގުމަށް ހުއްދަ ދޫކުރަނީ ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: އެމްއެމްއޭ


  • ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރަނީ ތިން މަރުޙަލާއަކަށް

  • ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރަނީ "ކޮންޑިޝަނަލް" ހުއްދައެއް

ރާއްޖޭގައި މާލީ އިދާރާއެއް ހިންގުމަށް ހުއްދަ ދޫކުރަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

ބޭންކިންގ ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާ އިޖުރާއަތުތަކާ ގުޅޭގޮތުން މީޑިއާގައި ފެތުރެމުންދާ މަޢުލޫމާތުތަކާ ގުޅިގެން އެމްއެމްއޭއިން ނެރުއްވި ބަޔާނުގައިވާގޮތުން، ރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ ދަށުން ބޭންކެއް ހިންގުމުގެ ލައިސަންސް ދޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރަނީ ތިން މަރުޙަލާއަކަށެވެ. މި މަރުޙަލާތަކުގެ ތެރޭގައި ހިމެނެނީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހުށަހެޅުން ވަޒަންކުރުމާއި، ލައިސަންސް ދޫކުރުމެވެ.

އެމްއެމްއޭއިން ވިދާޅުވީ، ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި ބަލާ މައިގަނޑު ކަންތައްތަކެއް ހިމެނޭކަމަށެވެ. މީގެތެރޭގައި ހިމެނެނީ ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމާއި، ރައުސުމާލުގެ މަސްދަރު، ޙިއްސާދާރުންނާއި އިސް މެނޭޖްމަންޓްގެ ފިޓް އެންޑް ޕްރޮޕަރ އަދި ހުށަހަޅާފައިވާ ވިޔަފާރި ޕްލޭނެވެ.

ލައިސަންސް ދޫކުރުމުގެ ކުރިން، އެމްއެމްއޭގެ ލައިސަންސިންގ ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުން ގެންދެވެނީ އެ އޮތޯރިޓީގެ އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގއަށެވެ. އަދި އެންމެ ފަހު ނިންމުން ނިންމަނީ އެމްއެމްއޭގެ ބޯޑުންނެވެ.

ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރަނީ "ކޮންޑިޝަނަލް" ހުއްދައެކެވެ. ކޮންޑިޝަނަލް ހުއްދަ ދެވޭ މުއްދަތުގައި ކުންފުނި ރަޖިސްޓްރީ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް މުއްދަތެއް ދެއެވެ. އަދި މި މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އެމްއެމްއޭއިން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރެއެވެ.

އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ބޯޑުން ލައިސަންސް ދޫނުކުރުމަށް ނިންމި ނަމަވެސް، ކޫލިންގ އޯފް ޕީރިއަޑެއް ޤާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. އަދި އެފަދަ ހުށަހެޅުމެއް ލިބުމުން، އައު އެޕްލިކޭޝަނެއްގެ ގޮތުގައި އަލުން މުޅި އިވެލުއޭޝަން މަރުޙަލާ ހިންގޭނެކަމަށްވެސް އެމްއެމްއޭއިން ނެރުއްވި ބަޔާނުގައިވެއެވެ.

މާލީ ދާއިރާ ހަރުދަނާކޮށް، މިދާއިރާއަކީ ނާޒާހަތްތެރިކަން ޤާއިމްވެފައިވާ ދާއިރާއެއްކަން ކަށަވަރުކުރުމަށް އެމްއެމްއޭއިން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް އެމްއެމްއޭއިން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުންކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.