ޚަބަރު

ބޭނުންވާ މިންވަރަށް ލޭ ލިބުމުގައި ދަތިތަކެއް، ލޭ ހަދިޔާކުރަން ފަސްނުޖެހެމާ!


  • ލޭ ހޯދަން އެދޭ އެންމެގިނަ އެއް ބަޔަކީ ތެލެސީމިއާ ކުދިން

  • ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކާއި ސަރޖަރީތަކަށްވެސް ލޭ ބޭނުންވޭ

  • ލޭ ހަދިޔާކުރުމަކީ ބޮޑުވެގެންވާ ޞަދަޤާތެއް

  • ލޭ ހަދިޔާކުރުމުން ސިއްޙީ އެތައް ފައިދާތަކެއް ލިބިދޭ

ލެއަކީ ކޮންމެ އިންސާނެއްގެ ދިރިހުރުމާއި ގުޅިފައިވާ މަތިވެރި ނިޢުމަތެކެވެ. ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ލޭ ހޯދުމަށް އެދިކުރާ ޕޯސްޓްތައް އަންނަނީ ގިނަވަމުންނެވެ.

ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އާބާދީ އިތުރުވަމުންދާއިރު އެކްސިޑެންޓުތަކާއި ގުޅިގެން އަދި މާބަނޑު އަންހެނުންނަށާއި އެކި ސަރޖަރީތަކަށް ލޭ ބޭނުންވެއެވެ. ގަވައިދުން ލޭ ދޭމީހުން މަޑުމަޑުން ރާއްޖޭގައި އިތުރުވަމުންދިޔަ ނަމަވެސް ލޭ ބޭނުންވާ މިންވަރަށް ލޭ ހޯދުމުގައި އަދިވެސް ގިނަ ދަތިތަކެއް އެބަހުއްޓެވެ.

ރާއްޖެއަކީ އާބާދީގެ ގޮތުން ތެލެސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމެވެ. މިގޮތުން މިހާރުވެސް 670 ކުއްޖަކު ތެލެސީމިއާ ސެންޓަރުގައި ރަޖިސްޓަރކޮށްގެންދަނީ ޚިދުމަތް ހޯދަމުންނެވެ. މިއީ ރާއްޖޭގައި ލޭ އެންމެ ބޮޑަށް ބޭނުންވާ އެއްސަބަބެވެ. ތެލެސީމިއާ ކުދިންގެ ޢާއިލާތަކުން ލޭހޯދުމަށް ކުރާ މަސައްކަތަކީ ބުރައާއި ތަކުލީފު ބޮޑު މަސައްކަތެކެވެ. ހަމައެއާއެކު ސިއްހީ ކުއްލި ހާލަތްތަކުގައި ނުވަތަ އެކްސިޑެންޓްތަކާއި އަދި ރާއްޖޭގައި ކުރަންޖެހޭ ބޮޑެތި ސަރޖަރީތަކަށްވެސް ލޭ ހޯދުމަކީވެސް ފަސޭހަކަމެއް ނޫނެވެ.

ރާއްޖޭގައި ދަރުމައަށް ލޭ ހަދިޔާކުރަން އަމިއްލައަށް އިސްނަގާ ފަރާތްތައް ނިސްބަތުން މަދުކަމަކީ ކަމާބެހޭ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ. ލޭ ހަދިޔާކުރުމަށް އެކި ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދި ރާއްޖޭގައި ޤާއިމުވެފައިވާ ބޭރުގެ އެކި ޤައުމުތަކުގެ ހައި ކޮމިޝަންތަކާއި އެނޫންވެސް ފަރާތްތަކުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ކެމްޕޭންތައް ކުރިއަށްގެންދެއެވެ. މިއާއެކުވެސް ލޭ ބޭނުންވާ ނިސްބަތަށް ބަލާއިރު ލޭ ނުލިބޭކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.

ލޭ ހަދިޔާ ކުރުމަކީ ބައެއް ފަރާތްތަކުން ފަސްޖެހޭކަމެކެވެ. ސަބަބަކީ އޭގެ ސަބަބުން ނުކުމެދާނެ ސިއްޙީ ނުރައްކާތައްކަމަށް ބެލެވެއެވެ. ގަވާއިދުން ލޭ ހަދިޔާ ކުރުމުގައި ފާއިތުވި 7 އަހަރު ދެމިހުރި މަރްޔަމް ލަމްޔާ ޝަފީޤް ބުނީ ލޭ ހަދިޔާކުރަން ބިރު ގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ލަމް ބުނީ، ލޭ ހަދިޔާ ކުރަން އެންމެ ފުރަތަމަ ގަސްތު ކުރީ އުފަންދުވަހާއި ދިމާކޮށް ކޮންމެވެސް ހެޔޮކަމެއް ކުރަން ބޭނުންވެގެންކަމަށެވެ. އަދި ފުރަތަމަ ލޭ ހަދިޔާކުރެވުމާއެކު ލިބިގެންދިޔަ ހިތްހަމަޖެހުމަކީ މިވޭތުވެދިޔަ 7 އަހަރު މެދުކެނޑުމެއް ނެތި ލޭ ހަދިޔާ ކުރުމަށް ލިބުނު ބާރެއްކަން ލަމް ފާހަގަކުރިއެވެ.

"އަސްލު ވަރަށް ގިނަ މީހުން ލޭ ބޭނުންވެގެން ގުޅާ. ގަވައިދުން ލަމް ލޭ ހަދިޔާކުރާ ކުއްޖެއް ހުރޭ. އެހެންވެ އެގޮތަށް ގުޅާލުމުން ލޭ ނުއެއް ދެވޭ. އެކަމު އެގެއިން އަސްލު އެނގޭ ލޭ ބޭނުންވެގެން މީހުން އުޅޭ ހާލު." ލަމް ބުންޏެވެ.

ލޭ ހަދިޔާކުރުމާއި ގުޅޭގޮތުން މީހުންގެ ހުންނަ ޤަބޫލުކުރުންތައް އެހާ ރަނގަޅު ނޫންކަން ލަމް ފާހަގަކުރިއެވެ. ލަމް ބުނީ ލޭ ހަދިޔާ ކުރަން ފެށުމުން ސިއްޙީ ގޮތުން ރަނގަޅު ބަދަލުތަކެއް ދިރިއުޅުމަށް އައިކަމަށެވެ. އެގޮތުން ދުޅަހެޔޮކޮށް ހުރުމަށް ބާރު އެޅިގެންދިޔަކަން އޭނާ ފާހަގަކުރިއެވެ.

ލޭ ހަދިޔާކުރަން ފެށުމުން ރަނގަޅު ބަދަލުތަކެއް ދިރިއުޅުމަށް އައި: ލަމް

"ލޭ ހަދިޔާ ކުރާތީ ވަރަށް ބޮޑަށް ބަލަން ހަށިގަނޑަށް. އެގޮތުން ލޭ އުފައްދައިދޭ އެކި ކަނާ ބޭނުންކުރަން. ހަމައެއާއެކު ވަރަށް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް އިސްކަންދެން." ލަމް ބުންޏެވެ.

ލަމް ބުނީ ލޭ ހަދިޔާ ކުރުމުގެ ކުރިންވެސް އަދި ލޭ ހަދިޔާ ކުރުމަށްފަހުވެސް ގިނައިން ރަނގަޅު ކާނާ އަދި ދިޔާތަކެތި ބޭނުންކުރަންޖެހެއެވެ. ހަމައެއާއެކު ހަށިގަނޑުގެ ލޭ ހުންނަ މިންވަރު ބަލަންޖެހޭކަންވެސް ފާހަގަކުރިއެވެ.

ލޭ ހަދިޔާކުރުމަކީ އޭގައި ސިއްޙީ އެތައް ފައިދާތަކެއް އިތުރު ޞަދަޤާތެކެވެ. ދިނީގޮތުންވެސް މީހެއްގެ ފުރާނައާއި ގުޅިފައިވާ މިފަދަ ކަމެއްގައި އެހީވުމަކީ މުޅި އިންސާނިއްޔަތު ސަލާމަތްކުރުން ފަދަ މާތްކަމެކެވެ. ތިމާ ހަދިޔާކުރާ ލޭގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްކުރެވިދާނެއެވެ. އެހެންކަމުން ލޭ ހަދިޔާކުރުމަށް ބާރުއަޅަންޖެހެއެވެ. ތިމާއާއި ތިމާގެ ޢާއިލާ އަދި އެކުވެރިންނަކީވެސް ލޭ ހަދިޔާކުރުމަށް މަޤުބޫލު އުޒުރެއް ނެތްނަމަ ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދޭ ދުވަހަކަށް މިއަދު ހަދަން ޖެހެއެވެ.