ޚަބަރު

ނޭޝަންސް ލީގުގައި ފޭވަރިޓުންނެއް ނެތް: ޑެ ލަ ފުއެންޓޭ


ޔުއެފާ ނޭޝަންސް ލީގުގައި ފޭވަރިޓުންނެއް ނެތް ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ޖަރުމަނާއި ދެކޮޅާށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑެ ލަ ފުއެންޓޭ ބުނެފައިވަނީ ސެމީ ފައިނަލުން ޖާގަ ހޯދި ހަތަރު ޓީމަކީވެސް ވަރުގަދަ ޓީމުތަކެއް ކަމަށެވެ.

"ސެމީ ފައިނަލުން ފުރުސަތު ހޯދި ހަތަރު ޓީމަކީވެސް ވަރުގަދަ ޓީމުތަކެއް. ދުނިޔޭގެ ޗެމްޕިއަންކަމާއި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތައް މިއީ. އެހެންކަމުން މި މުބާރާތުގައި ފޭވަރިޓުންނެއް ނުތިބޭނެ." ޑެ ލަ ފުއެންޓޭ ބުންޏެވެ.

"ޖަރުމަނާއި ޕޯޗުގަލް ކުޅުނު މެޗަކީވެސް ވޯލްޑްކަޕް ނުވަތަ ޔޫރަޕްގެ ފައިނަލް މެޗެއް. ހަމަ އެގޮތަށް ފްރާންސް އާއި ސްޕެއިން ކުޅޭ މެޗަކީވެސް އެފަދަ މެޗެއް. ވަރުގަދަ އަދި އެއް ފެންވަރެއްގެ ޓީމުތަކުގެ މެދުގައި ފޭވަރިޓުންނެއް ނުތިބޭނެ." ޑެ ލަ ފުއެންޓޭ އިތުރަށް ބުންޏެވެ.

ޑެ ލަ ފުއެންޓޭ އިތުރަށް ބުނެފައިވަނީ މިފަދަ މެޗެއްގައި ނަތީޖާ އެނބުރިގެންދާނީ ވިސްނުންތެރި ކަމާއިއެކު ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފޭ ޓީމަކަށް ކަމަށާއި އެހެންކަމުން މިރޭގެ މެޗުގައި ސްޕެއިން އިން ނިކުންނާނީ އެކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ފްރާންސްގެ ޓީމުގައި ހިމެނޭ ވަކިވަކި ކުޅުންތެރިންނަކީ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ކަމަށާއި އެހެންކަމުން މިރޭގެ މެޗަށް ނިކުންނާނީ އެކަމަށް ސަމާލުވެގެން ކަމަށެވެ.