ޚަބަރު

އެކްސްޕޯ 2025: ބީއެމްއެލްގެ ޑިޖިޓަލް ވަސީލަތްތަކުން 3.8 މިލިޔަން ރުފިޔާގެ ވިޔަފާރިކުރި


  • މިއީ ޕީއޯއެސް މެޝިންތަކާއި ކިއުއާރު ކޯޑް ބޭނުންކޮށްގެން ކުރި މުއާމަލާތްތައް

ނިމިގެންދިޔަ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް 3.8 މިލިޔަން ރުފިޔާގެ ވިޔަފާރިކޮށްފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒްގައި ގިނަ އަދަދެއްގެ ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބޭއްވި މައުރަޒެކެވެ. މި މައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މައުރަޒުތަކުގެ ތެރެއިން އެންމެ ބޮޑު އަދި އާންމުންގެ ފަރާތުން އެންމެ ތަރުޙީބު ލިބުނު މައުރަޒުކަމަށް ބީސީސީއިން ވަނީ ވިދާޅުވެފައެވެ.

މި މައުރަޒަށް 2 ލައްކާއި ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކޮށްފައިވާކަމަށް ބީސީސީއިން ވަނީ ވިދާޅުވެފައެވެ. އަދި މި މައުރަޒު ވެފައިވަނީ ވިޔަފާރީގެ ބޮޑު އީދަކަށެވެ.

މި މައުރަޒުގައި ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކާއި ކިއުއާރު ކޯޑް ބޭނުންކޮށްގެން 3،859،556.52 (ތިން މިލިޔަން އަށްލައްކަ ފަންސާސް ނުވަހާސް ފައްސަތޭކަ ފަންސާސް ހަރުފިޔާ ފަންސާސް ދެ ލާރީ)ގެ މުއާމަލާތް ވަނީ ކޮށްފައެވެ. މިއީ ޖުމްލަ 32،721 ޓްރާންސެކްޝަންއެވެ.

ޕީއޯއެސް މެޝިންތައް ބޭނުންކޮށްގެން 2،416،508.27 ރުފިޔާގެ މުއާމަލާތް ވަނީ ކޮށްފައެވެ. އެއީ މުޅި ޖުމްލަ 22،929 ޓްރާންސެކްޝަންއެވެ.

ކިޔުއާރު ކޯޑު ބޭނުންކޮށްގެން 9792 ޓްރާންސެކްޝަން ވަނީ ކޮށްފައެވެ. މިއީ އަގުން ބަލާއިރު 1،443،048.25 ރުފިޔާގެ މުއާމަލާތްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން 29،665 ޓްރާންސެކްޝަން ވަނީ ކޮށްފައެވެ. އިންބައުންޑް (ފޮރިން ކާޑު) ބޭނުންކޮށްގެން 2،748 ޓްރާންސެކްޝަން އަދި ގިފްޓް ކާޑު ބޭނުންކޮށްގެން 308 ޓްރާންސެކްޝަން ކޮށްފައިވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވާފައިވަނީ މިދިޔަމަހުގެ 23 އިން 31ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދިން މައުރަޒެކެވެ.