ޚަބަރު

ޖޯޑަން އާއި އުޒްބެކިސްތާން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ


2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް އޭޝިއާގެ ދެ ގައުމު ކަމަށްވާ ޖޯޑަން އާއި އުޒްބެކިސްތާން ކޮލިފައިވެއްޖެއެވެ. މިއީ މި ދެ ގައުމުވެސް ވޯލްޑް ކަޕަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ޖޯޑަން ކޮލިފައިވެފައިވަނީ އޭޝިޔާގެ ކޮލިފައިންގެ ގްރޫޕް ބީ ގައި އިއްޔެ އޮމާން އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން މޮޅުވެ ގްރޫޕްގެ ދެވަނަ މަގާމް ހޯދައިގެންނެވެ.

މި މެޗުން ޖޯޑަން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި ކުޅުނު 9 މެޗުން 16 ޕޮއިންޓާއެކު ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނަ މަގާމް ދެކުނު ކޮރެއާއިން ހޯދާފައިވާއިރު ތިންވަނަ އަށް ގޮސްފައިވަނީ އިރާގް އެވެ. އަދި އޮމާން އޮތީ ހަތަރުވަނައިގަ އެވެ.

ނިމިގެންދިޔަ އޭޝިއަން ކަޕްގެ ދެވަނަ މަގާމް ހޯދާފައިވާ ޖޯޑަން އިން ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގެ ކޮލިފައިންގައިވެސް ވާދަކޮށްފަ އެވެ. އަދި މީގެ ކުރިން އެ ގައުމަށް އެންމެ ދުރަށްވެސް ދެވިފައިވަނީ 2014 ވަނަ އަހަރުގެ އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް އާއި ހަމައަށެވެ. އެ ފަހަރު އުރުގުއޭ އަތުން ޕްލޭއޮފްގައި ބަލިވެ ޖޯޑަން އަށް ވަނީ ފުރުސަތު ގެއްލިފަ އެވެ.

އޭޝިޔާގެ ގަދަ ބާރެއް ކަމުގައިވާ އުޒްބެކިސްތާން އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ކޮލިފައިންގެ ގްރޫޕް އޭ ގައި އިއްޔެ ޔޫއޭއީ އާއި ދެކޮޅަށް ގައުމުން ބޭރުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

މި ގްރޫޕްގައި ކުޅޫނު ނުވަ މެޗުން އުޒްބެކިސްތާން ވަނީ 18 ޕޮއިންޓާއެކު ދެވަނަ މަގާމް ހޯދާފަ އެވެ. އެއްވަނައިގައި އޮތް އިރާން އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.

ދުނިޔޭގެ ރޭންކިންގައި 57 ވަނައިގައި އޮތް 36 މިލިއަން މީހުންގެ އާބާދީއެއްގެ މައްޗަށް އެކުލެވިގެންވާ އުޒްބެކިސްތާން އިން އެ ގައުމު މިނިވަން ވުމަށްފަހު ފުރަތަމަ ފަހަރަށް ބައިނަލް އަގްވާމީ މެޗެއް ކުޅެފައިވަނީ 1992 ވަނަ އަހަރު އެވެ. އަދި އޭގެ ދެ އަހަރު ފަހުން 1994 ވަނަ އަހަރު އެ ގައުމުން ވަނީ ފީފާގެ މެމްބަރަކަށް ވެފަ އެވެ.