ސްޕެއިންގެ ޒުވާން ފޯވަޑް ލަމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގެ ޖާގައެއް ސްޕެއިން އިން ހޯދައިފި އެވެ.
ސްޕެއިން އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު 5-4 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނުގެ ސްޓަޓްގާރޓްގެ އެމްއެޗްޕީ އެރީނާގައި ފަންސާސް އެއް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 22 ވަނަ މިނިޓުގައި ނިކޯ ވިލިއަމްސް ވަނީ ލަނޑެއް ޖަހާ ސްޕެއިން އަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން މިކޭލް މެރީނޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޑްރިއެން ރަބިއޯ ލަމީން ޔަމާލް އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ސްޕެއިން އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޕެޑްރީ އެވެ.
ސްޕެއިން އިން 4-0 ގެ ނަތީޖާއަކުން ކުރީގައި އޮތް ނަމަވެސް ފްރާންސް އަށް އުންމީދު އައުވެގެން ދިޔައީ މެޗުގެ 59 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ލަނޑެއް ޖެހުމާއިއެކުގަ އެވެ.
ފްރާންސް އިން ލަނޑެއް ޖެހިތާ އަށް މިނިޓު ފަހުން ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ފަހު 11 މިނިޓުގައި ފްރާންސް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ސްޕެއިންގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ. އަދި މެޗުގެ 79 ވަނަ މިނިޓުގައި ރަޔާން ޗާރކީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްފަ އެވެ. މިއީ އޭނާ ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
ފްރާންސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 84 ވަނަ މިނިޓުގައި ސްޕެއިންގެ ޑިފެންޑަރ ޑެނީ ވިވިއަން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި މެޗުގައި ފްރާންސް އިން ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަންޑަލް ކޯލޯ މުއާނީ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން މި މުބާރާތުގެ ފައިނަލުގައި ޖާގައެއް ހޯދާފައިވާއިރު އެ ޓީމުން އަންނަ އާދީއްތަ ދުވަހު ފައިނަލުގައި ނިކުންނާނީ ޕޯޗުގަލް އާއި ދެކޮޅަށެވެ.
ފްރާންސް އިން މި މެޗުން ބަލިވުމާއިއެކު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އެ ޓީމު ނިކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.