ޚަބަރު

ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށް ފުނަދޫ އެއަރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި


  • މުބީން ވިދާޅުވީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާކަމަށް ކުރާނެކަމަށް

  • ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން އެއަޕޯޓްތަކަށް ފަޔަރ ޓްރަކްތަކެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށް ފުނަދޫ އެއަރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.

ފުނަދޫ އެއަރޕޯޓަށް ކުރަމުންގެންދިޔަ މޯލްޑިވިއަންގެ ދަތުރުތައް މެދުކަނޑާލީ، އެ އެއަރޕޯޓުގެ ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ރީޖަނަލް އެއަޕޯޓްސްއިން ވިދާޅުވީ މައްސަލަ ޙައްލުކޮށް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ.

ރީޖަނަލް އެއަޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާކަމަށް އެކުންފުނިން އަބަދުވެސް ކުރާނެކަމަށެވެ. ރީޖަނަލް އެއަޕޯޓްސްއިން ބަލަހައްޓަމުންދާ އެއަޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއްކަމަށެވެ. ނަމަވެސް މިހާރު އެމްއޭސީއެލްއާއި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ފަޔަރ ޓްރަކްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މުބީން ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކަކީ ކުރީ ސަރުކާރުތަކުން އެއަޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުުގެ ނަތީޖާ ކަމަށާއި އެތައްދުވަހެއް ވީއިރުވެސް އެއަޕޯޓްތަކުގައި ހުރި ބައު ޓްރަކްތައް އާނުކޮށް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެކަމަށްވެސް މުބީން ވިދާޅުވިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަންނަނީ ފުނަދޫ އެއަރޕޯޓަށް ހަފްތާއަކު 3 ދުވަހު ދަތުރުތައް ބާއްވަމުންނެވެ.