ޚަބަރު

މިނާގައި 24 ގަޑިއިރުގެ ޚިދުމަތްދޭ ދިވެހި ޙައްޖާޖީންގެ ކްލިނިކް


  • މެޑިކަލް ޓީމުން 24 ގަޑިއިރު ދަނީ ޙާޖީންނަށް ޚިދުމަތްދެމުން

  • ހުރިހާ ޙާޖީން އަރަފާތަށް ގެންދެވުމަކީ މެޑިކަލް ޓީމުގެ އެންމެ ބޮޑު ހިތްހަމަޖެހުން

ދިވެހި ޙައްޖުވެރިންނަށް މިއަހަރުގެ ޙައްޖުގެ އަޅުކަން ލުއިފަސޭހަކޮށް ފުރިހަމަކޮށްދިނުމަށް ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ވަރަށް ގިނަ ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންގެ ޞިއްޙީ ކަންކަން ބެލެހެއްޓުމަށް ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ވަނީ ދީފައެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން އެއްހާސް ޙައްޖުވެރިން ސަޢުދި ޢަރަބިއްޔާއަށް އައިސް އެބަތިއްބެވެ. މިއީ ރާއްޖޭގެ ބައެއް ރަށްރަށުގެ އާބާދީއަށްވުރެ ބޮޑު އަދަދެކެވެ. މީގެތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންވެސް ގިނައެވެ.

އެހެންކަމުން ރާއްޖޭގެ ރަށެއްގެ ޞިއްޙީ މަރުކަޒަކުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތާ އެއްވަރުގެ ޚިދުމަތްތަކެއް ދިވެހި ޙައްޖާޖީންނަށްވެސް ފޯރުކޮށްދޭން ޖެހެއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުގައި 4 ޑޮކްޓަރުންނާއި 5 ނަރުހުން ހަރަކާތްތެރިވަމުން އާދެއެއެވެ. މިޓީމުގެ ފުރިހަމަ އެހީތެރިކަން ޙައްޖުވެރިންނަށް އަންނަނީ ލިބެމުންނެވެ.

ޙައްޖު ކޯޕަރޭޝަންގެ ޞިއްޙީ އެހީތެރިންގެ ޓީމުގެ އިރުޝާދުތަކަށް ޙައްޖުވެރިން ތަބަޢަވުމުގައި ދެއްކި ނަމޫނާއިން، އަރަފާތު ބިމުން މިނާއަށް އައިއިރު ޙައްޖުވެރިންގެ އާންމު ޞިއްޙީ ހާލަތު ހުރީ ރަނގަޅަށެވެ. މޫސުމާއި، މާހައުލު ތަފާތުވުމުގެ ސަބަބުން ޙައްޖުވެރިންނަށް ކުރިމަތި ވެދާނެ ކަންތައްތަކަށް ޞިއްޙީ އެހީތެރިންގެ ޓީމު އޮތީ ފުރިހަމަޔަށް ތައްޔާރަށެވެ.

"އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ 1000 ޙާޖީން އަރަފާތު ބިމަށް ގެންގޮސް، ޢަރަފާތު ބިމުގައި ތިބެވި، ސަލާމަތުން އަޅުގަނޑުމެންނަށް ގެނެވުން. އެއީ ވަރަށް ބުރަ މަސައްކަތެއް އަޅުގަނޑުމެންގެ ޓީމުގެ. އެއީ އެންމެ އުފާވާކަންތައް" މެޑިކަލް ޓީމުގެ އިސް ޑޮކްޓަރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

މީގެ ކުރީގެ ޙައްޖުގެ އަޅުކަމުގެ ދުވަސްވަރު ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުން ފަރުވާ ދިނުމަށް ބޭނުންކުރީ ޖާގައިގެ ގޮތުން ވަރަށް ދަތި ތަންކޮޅެކެވެ. ބަލިމީހާ ބަލާނެ އަކަށޭނެ ޖާގަ ނެތުމުގެ ސަބަބުން މެޑިކަލް ޓީމުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އޮތީ ދަތިވެފައެވެ.

ނަމަވެސް މިނާގައި ދިވެހި ޙައްޖުވެރިން ފަސްވަރަކަށް ދުވަސް ހޭދަކުރާއިރު ޙާއްޖުވެރިންނަށް ޞިއްޙީ ޚިދުމަތް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަށް މިއަހަރު ޙައްޖު ކޯޕަރޭޝަނުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މިނާގައި މިފަހަރު މިވަނީ ޚާއްސަ ކްލިނިކެއް ޤާއިމުކޮށްފައެވެ.

މިއީ ހުރިހާ ގޮތަކުންވެސް ކްލިނިކެއްގެ ސިފައިގައި ހިންގާ ކްލިނިކެކެވެ. ޖާގައިގެ ގޮތުން ތަނަވަހެވެ. ސައުވީސް ގަޑިއިރު ޚިދުމަތް ދޭ ކްލިނިކެކެވެ. ބޭސް ލިބެން ހުރެއެވެ. މިނާގައި ޤާއިމުކުރި މި ކްލިނިކުގައި ބަލިމީހަކު ނުހުންނަ ވަގުތެއް ވަރަށް މަދެވެ. ތަފާތު އުނދަގޫތަކަށް ފަރުވާ ހޯދަން ދިވެހި ޙައްޖުވެރިން މިކްލިނިކަށް އާދެއެވެ.

މިނާގައި ޤާއިމުކޮށްފައިވާ މި ކްލިނިކުގައި ޚިދުމަތްދެއްވާ ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުން އާންމުކޮށް ފަރުވާ ހޯދަން އަންނަނީ ފުއްޕާމޭގެ އުނދަގޫތަކާ ގުޅޭ ކަންކަމުގައެވެ. އަދި ގިނައިރު ހިނގަން ޖެހުމުގެ ސަބަބުން ފަޔަށް ތަދުވާތީވެސް ފަރުވާ ހޯދަން އާދެއެވެ.

"ވަރަށް އޯގާތެރި ހުރިހާ ނަރުހުންނާ ޑޮކްޓަރުންވެސް. ބަފައަކަށް ދަރިން ހެޔޮވާނެވަރަށް އެހާވެސް ހެޔޮ. ވަރަށް ހިތްހަމަޖެހިއްޖެ ބޭބެ. އަޅުގަނޑަށް ބުނެވެންއޮތީ ހަމަ އެއްވަނައިގެ ކުދިންތަކެކޭ. އިންސާނިއްޔަތާ އޯގާތެރިކަން އެބަހުއްޓޭ." ޤަވާއިދުން ޑޮކްޓަރަށް ދައްކަމުން އަންނަ ހާޖީއަކު ކިޔައިދިނެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ޓީމުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ލިބޭ އެންމެ ބޮޮޑު ހިތްހަމަޖެހުމަކީ މާތްﷲއަށްޓަކައި ޙައްޖުގެ އަޅުކަން އަދާކުރަން އައިސްތިބި ބަޔަކަށް އެހީތެރިވެދެވޭތީ ލިބޭ ހިތްހަމަޖެހުމެވެ.

"ﷲއަށް ޝުކުރުވެރިވަން މިފަދަ މާތް އަޅުކަމެއްގެ ތިބި މީހުންނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުނީތީ. ކޮންމެ ދުވަހަކު 24 ގަޑިއިރު މިތިބެނީ ހުރިހާ ޙާޖީންނަށް ޚިދުމަތް ދިނުމަށް. މާނިއީ ވަރަށް ރަނގަޅު ޓީމެއް. ވަރަށް ފަސޭހަ މި ޓީމާއެކު މަސައްކަތްކޮށްލަން. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެންދޭ ޚިދުމަތް ޙާޖީން ބަލައިގަތުން." ސީނިއަރ ރަޖިސްޓަރޑް ނަރސް މަރިޔަމް އަލްމާސް ވިދާޅުވިއެވެ.

މެޑިކަލް ޓީމުން ސިއްޙީ ޚިދުމަތް މިނާގެ އިތުރުން އަރަފާތުގައިވެސް ވަނީ ޙާޖީންނަށް ދީފައެވެ. މީގެއިތުރުން އެންމެ ފަހުގެ ވަސީލަތްތަކާއެކު މައްކާގެ ހޮޓަލުގައި ޤާއިމްކޮށްފައިވާ ކްލިނިކްގައިވެސް މެޑިކަލް ޓީމުން ޙާޖީންނަށް ޚިދުމަތްދެމުންގެންދަނީ އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތިއެވެ.