ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ކުރިއަރުވަން ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރ އަކީ މި ސަރުކާރުން ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރަން ބޭނުންވާ ސިނާޢަތެއްކަމަށެވެ. އެގޮތުން ބޭރުގެ އިންވެސްޓަރުން އައިސް ރާއްޖޭގައި މެރިކަލްޗަރއަށް އިންވެސްޓްކުރާނެ މާހައުލެއް އުފައްދަމުންދާކަމަށް ވިދާޅުވިއެވެ.
ދުނިޔޭގައި މެރިކަލްޗަރ ކުރިއަރާފައި ހުރި ޤައުމުތަކުން ދޭ ލުއިތަކަށްވުރެ ރަނގަޅު ލުއިތައް ބޭރުގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ރާއްޖެއިން ދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މެރިކަލްޗަރ ކުރުމަށް ބޭރުގެ އިންވެސްޓަރުން ބޭނުންވާ ވަކި ސަރަހައްދުތަކެއް މިހާރު ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ. އިންވެސްޓަރުންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި 3 އަހަރުދުވަހުގެ ލޭންޑް ރެންޓް ނުނެގުން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަން ފަށާ ފަރާތްތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓް ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ހުޅުވާލުމުގެ މަސައްކަތްތައް. ބިޑް ޑޮކިއުމަންޓް ތައްޔާރުކުރެވިފައި މިގަސްތުކުރަނީ މިއަންނަ މަހުގައި އިރާދަކުރެއްވިއްޔާ ފަހުކޮޅު ހުޅުވާލެވި 3 މަސްދުވަސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޚާއްސަ މިކުރަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް 3 މަސްދުވަސް ޚާއްސަކޮށްފައި އަޅުގަނޑުމެން ބަލާނަން ބޭރުގެ ރަނގަޅު އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބޭތޯ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މެރިކަލޗަރ ޒޯންތަކުގެ ގައިޑްލައިންތައްވެސް މިހާރު ހަދާފައިވާކަމަށެވެ. އަދި އެކަމާއި ގުޅޭ ގަވާއިދުވެސް މިހާރު ގެޒެޓްކޮށްފައިވާކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު މެރިކަލްޗަރ ސިނާޢަތް އޮތީ ވަރަށް ޅަފަތުގައިކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މިސިނާޢަތް ފުޅާކޮށް ސީފުޑްގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު މަދުކުރުންކަމަށެވެ.