ކުޅިވަރު

އިޓަލީގެ ކޯޗުކަމުން ސްޕަލެއްޓީ ވަކިކޮށްފި!


އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ލޫސިއާނޯ ސްޕަލެއްޓީ ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރީ ނަތީޖާތައް ގޯސްވުމާއި ބައެއް ކުޅުންތެރިންނާ އޮންނަ ގުޅުންވެސް ގޯސްވުމުންނެވެ.

މަގާމުން ވަކިކުރި މައިގަނޑު ސަބަބަކީ ޔޫރޯ ކޮލިފައިންގައި ނޯވޭ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވުމެވެ. މި ނަތީޖާއާއެކު ކޯޗުކަން ދޫކޮށްލުމަށް އޭނާ އަމިއްލަ އަށް ވެސް ވިސްނަން ފެށި އެވެ.
ނަމަވެސް ލޫސިއާނޯ ބުނީ ކޮލިފައިންގައި މޯލްޑޯވާއާ ދެކޮޅަށް ކުޅޭ މެޗުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އޭނާ ކަމަށެވެ.

"މިއަށް ފަހު އަހަރުމެން ކޮންޓްރެކްޓް ކަންކަން ވާހަކަ ދައްކައިގެން ނިންމާލާނަން. އަހަރެންގެ ކޯޗުކަމުގައި ނަތީޖާތަކެއް ނުކުމެފައި އެބަހުރި. އެ ނަތީޖާތަކަށް އަހަރެން ޒިންމާވާން ޖެހޭނެ،" ކޯޗު ބުންޏެވެ.

އޭނާ މަގާމުން ވަކިވިއިރު އިޓަލީގެ ގައުމީ ޓީމަށް ނުކުޅެން އެންމެ ފަހުން ނިންމި ކުޅުންތެރިއަކީ އަކީ އިންޓަމިލާނުގެ ޑިފެންޑަރު އަޗޭބީ އެވެ. އޭނާ ގައުމީ ޓީމަށް ނެގުމުން ވެސް ކުޅެން އެއްބަސް ނުވީ ސްޕަލެއްޓީއާ އެކު އޮތް ގުޅުން ގޯސްވުމުންނެވެ.

އައު ކޯޗެއް ހޯދަން އިޓަލީން މަސައްކަތް ފަށާފައިވާއިރު ލިސްޓުގައި ފަސް ކޯޗަކު ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އޭސީ މިލާނުގެ ކޯޗު ސްޓެފަނީ ޕިއޯލީ އާއި ރޯމާގެ އެޑްވައިޒަރު އަދި ލެސްޓަ ސިޓީ އަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ އެވެ. ނަމަވެސް އޭނާ ވަނީ ރޯމާގައި މަޑުކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އިޓަލީގެ ކުރީގެ ފޯވަޑް އަލެސެންދްރޯ ޑެލްޕިއެރޯ އާއި ކުރީގެ މިޑްފީލްޑަރު ޑެނިއަލް ޑީ ރޮސީ ވެސް މި ލިސްޓުގައި ހިމެނެ އެވެ.

ސްޕަލެއްޓީއަށް އިޓަލީގެ ގައުމީ ކޯޗުކަން ދިނީ 2023 ވަނަ އަހަރު އެވެ. ނަމަވެސް 66 އަހަރުގެ ކޯޗަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ.