ޗެލްސީއިން 2018 ވަނަ އަހަރު ސްޕޭނުގެ ކީޕަރު ކެޕާ އަރިޒަބަލަގާ ގަތީ 75 މިލިއަން ޔޫރޯ ދީފަ އެވެ. އެތްލެޓިކް ބިލްބާއޯއިން ގެނައި ކީޕަރަށް ޗެލްސީގައި މާމޮޅު ކުޅުމެއް ނުދެއްކުނެވެ. އެންމެ ފަހުން ޗެލްސީން އޭނާ ވިއްކާލީ އެވެ.
އޭގެ ހަތް އަހަރު ފަހުން އިނގިރޭސި ލީގުގެ ތައްޓަށް ވާޑަކުރަން އުޅޭ އާސެނަލް އިން މިހާރު ވަނީ އޭނާ ގަތުމަށް ތައްޔާރުވެފަ އެވެ. އެކުލަބުގެ ބަދަލު ކީޕަރަކަށެވެ. އެކަމަކު އެއީ އެންމެ ފަސް މިލިއަން ޔޫރޯ އަށެވެ.
އުމުރުން 30 އަހަރުގެ ކެޕގެ އަދިވެސް ބެލެނެވެރި ކުލަބަކީ ޗެލްސީ އެވެ. މިހެންވެ އާސެނަލްއިން އޭނާ ގަތުމުގެ އެއްބަސްވުން ވެސް ހަދާނީ ޗެލްސީއާއެކުގަ އެވެ. ނަމަވެސް އޭނާ އެންމެ ފަހުން ކުޅުނީ ޕްރެމިއާ ލީގުގެ ބޯނެމައުތަށެވެ. އެއީ ޗެލްސީ އޭނާ ބޭނުން ނުވުމުން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ވަނީ ހުސްވި ސީޒަނުގައި 31 މެޗު ކުޅެ އަށް މެޗެއްގައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައިފަ އެވެ.
އާސެނަލްގެ އެއްވަނަ ކީޕަރަކީ ސްޕޭނުގެ ޑޭވިޑް ރާޔާ އެވެ. އޭނާ ވަނީ ހުސްވި ސީޒަނުގައި މޮޅަށް ކުޅެފަ އެވެ. ނަމަވެސް ކޯޗު މިކޭލް އާޓެޓާ ބުނީ ތަޖުރިބާކާރު އަދި އެއްވަނަ ކީޕަރުކަން ޖެހިލުމެއްނެތި ކުރެވޭ ވަރުގެ އިތުރު ކީޕަރަކު ޓީމުގައި ހުންނަން ޖެހޭ ކަމަށެވެ. ކެޕާ ގެންނަނީ މިހެންވެ ކަމަށެވެ.
ކެޕާ ވަނީ ޗެލްސީން ބޭނުން ނެތުމުން ހުސްވި އަހަރުގެ ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ވެސް 10 ވަރަކަށް މެޗު ކުޅެދީފަ އެވެ. ލޯނު އުސޫލުން އޭނާ ގެންގޮސްގެން ކުޅުވި ބައެއް މެޗުތަކުގައި މޮޅަށް ކުޅުމުން ރެއާލްއިން އޭނާގެ އެއްބަސްވުން ދާއިމީ ކުރުމަށް ވެސް ވިސްނި އެވެ.
ނަމަވެސް ފަހުން އެ ހިޔާލު ދޫކޮށްލީ އެއް ފެންވަރެއްގައި ކެޕާ އަށް ހިފަހައްޓާ ނުލެވުމުންނެވެ.
އާސެނަލްއިން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކުރުމަށެވެ. މި ގޮތުން އެ ޓީމުން ކީޕަރަކާއި ފޯވަޑެއް އަދި މެދުތެރެ އަށް ކުޅޭ ދެ ކުޅުންތެރިންނާއި ޑިފެންޑަރެއް ބޭނުންވާ ކަމަށް ކޯޗު މިކޭލް އާޓެޓާ ވަނީ ބުނެފަ އެވެ. އާސެނަލް އަކީ ޕްރެމިއާ ލީގުގައި ހުސްވި ތިން ސީޒަނުގައި ވެސް ތައްޓަށް އެންމެ ބޮޑަށް ވާދަކުރި ޓީމެވެ.