ކުޅިވަރު

ކޮލިފައިންގެ ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ. ކޮލިފައިންގެ ގުރޫޕް އޭގައި ޓިމޯ ލެސްޓޭއާ ބައްދަލުކުރި މެޗުން ދިވެހި ޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

އޮސްޓްރޭލިއާގެ ޑާވިންގައި ކުޅުނު މެޗުގައި ރާއްޖެއަށް މާ އެދެވޭ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މުޅި މެޗުގައި ވެސް ދިވެހި ޓީމުގެ ފަރާތުން ފެނުނީ ދަށްކުޅުމެކެވެ.

ފީފާ ރޭންކިންގައި ރާއްޖެއަށް 30 ދަރަޖަ ފަހަތުގައި އޮތް ޓިމޯ ލެސްޓޭއިން ވަނީ ރަނގަޅު އެޓޭކިންގ ގޭމެއް ކުޅެ ރާއްޖޭގެ ގޯލަށް ނުރައްކާ ކޮއްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޓިމޯ ލެސްޓޭއިން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރިއިރު ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ރާއްޖޭގެ ގޯލު ބެލެހެއްޓި ހުސެއިން ޝަރީފެވެ.

މުޅި މެޗުގައި ވެސް ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބުނީ ފުރަތަމަ ހާފުގައެވެ. ޕެނެލްޓީ އޭރިޔާތެރެއިން ހަމްޒާ މުހައްމަދު ޖައްސާލި ބޯޅައެއް އަލީ ފާސިރު ފޮނުވާލުމުން ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވީ ކީޕަރު އަތުގަ ޖެހިފައެވެ.

މެޗުގައި ޓިމޯ ލެސްޓޭ އިން ޖެހި ހަމަ އެކަނި ލަނޑު ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮއްދިނީ، އެޓީމުގެ ކެޕްޓަން ޕައުލޯ ޑޮމިންގޮސް އޭރިއާތެރެއިން ހުރަސްކޮއްލި ބޯޅަ ހާސްކަމެއް ނެތި ގޯލްގެތެރެއަށް ފޮނުވާލައިގެން ޖާއޯ ޕެޑްރޯއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕެޑްރޯ ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ޓީމުގެ ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ. މިމެޗުން ހޯދި މޮޅާއެކު ދެމެޗުން ތިން ޕޮއިންޓް ހޯދާ ޓިމޯ ލެސްޓޭ އޮތީ ގްރޫޕްގެ ތިންވަނާގައެވެ. ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ގުރޫޕްގެ ފުލުގައެވެ.