ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕޯޗުގަލްގެ ރައީސް މާސެލޯ ހިބެލޯ ޑިސޯޒާއާއި ބޮޑުވަޒީރު ލުއިޝް މޮންޓިނެގްރޯއަށް ޕޯޗުގަލް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ޕޯޗުގަލްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ އެ މަނިކުފާނަށް އަރިސްކުރެއްވިއެވެ. އަދި ޕޯޗުގަލް ދުވަހުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންގެ ނަމުގައި ޕޯޗުގަލްގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ޑިސޯޒާއަށް ފުރިހަމަ ޞިއްޙަތަކަށާއި އުފާވެރިކަމަށް އެދިވަޑައިގެން އެ ޤައުމަށާއި އެ ޤައުމުގެ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިޝް މޮންޓިނެގްރޯއަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނަށާއި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ނަންފުޅުގައި، ބޮޑުވަޒީރު މޮންޓިނެގްރޯއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން އެ ޤައުމަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ޕޯޗުގަލް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި މެސެޖުގައި، މި އަހަރަކީ ރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.