ޖަރުމަންގެ ގޯލްކީޕަރު އަދި ބާސެލޯނާގެ ކެޕްޓަން މާކް-އަންދްރޭ ޓާ ސްޓެގަން ގައުމީ ޓީމުގެ ޑިއުޓީ ނިންމައި އެނބުރި ބާސެލޯނާއަށް ދިޔައީ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާއާ ކުރިމަތިލާން ނިންމައިގެން ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފިއެވެ.
ޓާ ސްޓެގަން ސްޕޭނަށް ދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި މާދަމާ އޭނާ ބާސެލޯނާގެ ރައީސް އާއި ކޯޗު ހަންސީ ފްލިކާއެކު ބައްދަލުކުރާނެ ކަމަށްވެ އެވެ. މި ބައްދަލުވުމުގައި ޓާ ސްޓެގަން ރުޅި އިސްކުރާނެ ކަމަށާއި އޭނާގެ ހިތްހަމަނުޖެހުން ފާޅު ކުރާނެ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
ފާއިތވެދިޔަ 10 އަހަރު ބާސެލޯނާ އަށް ކުޅުނު ކީޕަރު ކުލަބާމެދު ހިތްހަމަ ނުޖެހުނީ އޭނާގެ ބަދަލުގައި އާ ގޯލްކީޕަރަކު ގެނެސް އަންނަ ސީޒަނުގައި ފުރަތަމަ 11އިން ޖާގަ ނުދޭން ނިންމުމުންނެވެ.
ބާސެލޯނާއިން މި ގޮތަށް ނިންމީ ފާއިތުވެދިޔަ އަހަރުތަކުގައި ޓާ ސްޓެގަން މޮޅަށް ކުޅުނަސް އޭނާ އަށް ގާތްގާތުގައި އަނިޔާވާތީ އެވެ. ހާއްސަކޮށް އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅު ނުވާތީ އެވެ. މި ގޮތުން ހުސްވި ސީޒަން އެއްކޮށް އޭނާ ހުރީ އަނިޔާގަ އެވެ. މިހެންވެ އުމުރުން 33 އަހަރުގެ ކީޕަރު އަލުން ފުލް ފޯމަށް އަންނާނެ ކަމަށް ބާސެލޯނާއިން ގަބޫލެއް ނުކުރެ އެވެ.
ސްޕޭނުގެ ނޫސްތަކުން ބުނަނީ ޓާ ސްޓެގަން އާއި ބާސެލޯނާގެ ބައްދަލުވުން ހޫނު ވާނެ ކަމަށެވެ. އަދި ކަންކަން ހައްލު ނުވާނެ ކަމަށް ފެންނަނަމަ ޓާ ސްޓެގަންގެ ކޮންޓްރެކްޓް ބާތިލް ކުރަން ވެސް ބާސެލޯނާ ވިސްނާ ކަމަށެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ބާސެލޯނާއިން ހުށަހަޅަނީ އެއް އަހަރުގެ މުސާރަ އެއްކޮށްދީފައި ޓާ ސްޓެގަން ބޭނުން ކުލަބަކަށް ދިއުމަށެވެ. ނަމަވެސް އޭނާ ހުރީ އެހާ ފަސޭހައިން ބާސެލޯނާ އަށް ދޫދޭ ގޮތަކަށް ނޫނެވެ.
ޓާ ސްޓެގަން އަށް ޝައުގުވެރިވާ ޔޫރަޕުގެ މަޝްހޫރު ކުލަބުތަކެއް އެބަތިއްބެވެ. އެއީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އާއި އިޓަލީގެ އިންޓަ މިލާނާއި ތުރުކީގެ ގަލަޓަސަރާއީ ހިމެނެ އެވެ.
ބާސެލޯނާ ގަބޫލު ކުރަނީ ކުރިއަށް އޮތް ވޯލްޑް ކަޕް އަހަރު ކަމަށް ވުމުން ފުރަތަމަ 11އިން ޖާގަ ނުދޭނަމަ ޓާ ސްޓެގަން އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށެވެ. އެއީ ޖަރުމަނުގެ ގައުމީ ކީޕަރުކަން ކުރުމަށް އޭނާ ކުލަބުގައި ގަވާއިދުން ކުޅެންޖެހޭތީ އެވެ.