އެސްޕްނިޔޯލްގެ ގޯލްކީޕަރު ޖޯން ގާސިއާ ބާސެލޯނާ އަށް އަދި މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ ނަޕޯލީ އަށް ބަދަލުވާން ނިންމައިފި އެވެ.
ސްޕޭނުގައި ހުސްވި ސީޒަނުގައި އެންމެ މޮޅު ގޯލަކީޕަރުގެ ގޮތުގައި ވާހަގަވި ގާސިއާ ބާސެލޯނާ އަށް ސޮއިކުރާނީ ފަސް އަހަރު ދުވަހުގެ އެގްރީމަންޓްގަ އެވެ. އޭނާގެ އެޖެންޓް ވަނީ އިއްޔެ ބާސެލޯނާގެ އޮފީހަށް ގޮސް އެގްރީމަންޓްގެ ޑްރާފްޓް ނިންމައިފަ އެވެ.
އެސްޕަނިޔޯލް ގާސިއާ ގެނައުމަށް ބާސެލޯނާއިން 25 މިލިއަން ޔޫރޯ ދޭން ޖެހޭނެ އެވެ. މިހެންވެ ގާސިއާގެ އެޖެންޓް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެކަން ކުރާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އުމުރުން 24 އަހަރުގެ ގާސިއާ އަކީ ކުރިމަގުގައި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު ކަމަށް ބާސެލޯނާއިން ވަނީ ބުނެފަ އެވެ.
ގާސިއާ ބާސެލޯނާ އަށް ދޫކޮށްލަން އޭނާގެ ކުލަބު އެސްޕަނިޔޯލް ބޭނުމެއްނުވެ އެވެ. ސަބަބަކީ މި ދެ ކުލަބަކީ ސްޕޭނުގެ ކެޓަލޯނިއާ އަށް ނިސްބަތްވެފައި ވާދަވެރި ދެ ކުލަބަށް ވުމުންނެވެ. ނަމަވެސް މިކަމުގައި އެސްޕަނިޔޯލް އަށް ބާރެއް ނެތެވެ.
އުމުރުން 33 އަހަރުގެ ސިޓީގެ ކެޕްޓަން ޑިބްރޭނާ ސިޓީ ދޫކޮށްލަން ނިންމީ 10 އަހަރަށް ފަހު އެވެ. އެއީ ސިޓީން އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުންނެވެ. ޑިބްރޭނާ ބަދަލުވާނީ ނަޕޯލީ އަށެވެ. އެއީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އަދި ކުލަބުން ބޭނުންވާނަމަ އިތުރު އަހަރެއްގައި އޭނާ ބެހެއްޓޭ ގޮތަށެވެ. މިކަމުގެ ލިޔެކިއުންތައް މިހާރު ނުނިމި އޮތީ ބެލްޖިއަމުގެ ގައުމީ ޓީމުގެ ޒިންމާތަކުގައި ޑިބްރޭނާ ހުރުމުން އޭނާގެ ސޮއި ނެތިގެންނެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އޭނާ ސޮއިކޮށް ލިޔެކިއުންތައް ނިންމާނެ އެވެ.