އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ސެނެގާލް އާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވެއްޖެ އެވެ.
އިންގްލެންޑްގެ ސިޓީ ގްރައުންޑުގައި ކުޅުނު މި މެޗުން އެ ގައުމު ބަލިވެފައިވާއިރު މިއީ އެ ޓީމުގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ޖަރުމަނުގެ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ގައުމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.
އަދި އެފްރިކާގެ ގައުމު ތަކާއި ދެކޮޅަށް އިންގްލެންޑް އިން މިހާތަނަށް 22 މެޗު ކުޅެފައިވާއިރު މިއީ އެފްރިކާގެ ޓީމެއް އަތުން އިންގްލޭންޑް ބަލިވި ފުރަތަމަ ފަހަރުވެސްމެ އެވެ. އެފްރިކާގެ ގައުމު ތަކާއި ދެކޮޅަށް އިންގްލެންޑް ކުޅުނު 22 މެޗުގެ ތެރެއިން 15 މެޗުން މޮޅުވެފައިވާއިރު 6 މެޗު ވަނީ އެއްވަރުވެފަ އެވެ.
އިންގްލެންޑް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް މި މެޗުގައި ގިނަ ހަމަލާތައް އުފައްދާފައިވަނީ ސެނެގާލް އިންނެވެ. އެގޮތުން މި މެޗުގައި ސެނެގާލް އިން ޖުމްލަ 11 ހަމަލައެއް ފޮނުވާލާފައިވާއިރު އޭގެ ތެރެއިން 9 ހަމަލައަކީ ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވާ ހަމަލަތަކެކެވެ.
މި މެޗުގެ ހަތްވަނަ މިނިޓުގައި ހެރީ ކޭން ލަނޑެއް ޖަހާ އިންގްލެންޑަށް ކުރި ހޯދަދިން ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން ދިން ޕާހަކުން އިސްމައިލާ ސާރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ސެނެގާލް އިން މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި ހަބީބު ދިއާރާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ސެނެގާލް އިން ކުރި ހޯދިތާ ގިނައިރުތަކެއް ނުވަނީސް އިންގްލެންޑް އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް މޯގަން ގިބްސް ވައިޓް އާއި ބުކަޔޯ ސަކާ ފޮނުވާލި ނުރައްކާތެރި ހަމަލަތައް ސެނެގާލްގެ ގޯލުކީޕަރު މެންޑީ ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ސެނެގާލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ޝޭހް ސަބާލީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑަކީ އިންގްލެންޑްގެ ކާޓިސް ޖޯންސް އަތުން ބޯޅަ ގެއްލުނު ވަގުތު ސަބާލީއަށް ބޯޅަ ލިބުމުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.