ވޯލްޑްކަޕް ކޮލިފައިންގައި ރޭ ބްރެޒިލް ކުޅުނު މެޗުން އެ ޓީމު މޮޅުވިއިރު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
ބްރެޒިލް އަމިއްލަ ގައުމުގައި ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު 16 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމު ލިބިފަ އެވެ.
ޖުމްލަ 10 ޓީމު ހިމެނޭ ކޮލިފައިންގެ ގަދަ ހަ ޓީމަށް ވޯލްޑްކަޕްގެ ޖާގައެއް ލިބިގެންދާއިރު ހަތްވަނަ ޓީމަށް ޖެހޭނީ އިންޓަރ ކޮންޓިނެންޓަލް ޕްލޭއޮފް މެޗެއް ކުޅުމަށެވެ.
މި މެޗުގައި ބްރެޒިލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެތިއުސް ކޫނިއާ ދިން ޕާހަކުން ވިނިޝިއަސް ޖޫނިއަރ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަމިއްލަ ގައުމުގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އާޖެންޓީނާގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އަނިޔާއަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ކެޕްޓަން ލިއޮނެލް މެސީ ވަނީ ފުރަތަމަ ޓީމުގައި ހިމެނި މި މެޗުގައި ކުޅެފަ އެވެ.
މި މެޗުގައި ލަނޑު ޖަހަން އާޖެންޓީނާއަށް ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވަނިކޮށް މެޗުގެ 24 ވަނަ ލުއިސް ޑިއާޒް ވަނީ އާޖެންޓީނާގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ދެވަނަ ހާފަށް ނިކުތްއިރު އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ ޓީމަށް ދެ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ނަހުއެލް މޮލީނާ އާއި ރޮޑްރިގޯ ޑިޕޯލްގެ ބަދަލުގައި ނިކޮލަސް ގޮންޒާލޭޒް އާއި ޖިއުލިއާނޯ ސިމިއޯނޭ ވަނީ ކުޅެން އަރުވާފަ އެވެ.
ދެވަނަ ހާފުގައިވެސް އާޖެންޓީނާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ވަނިކޮށް މެޗުގެ 70 ވަނަ މިނިޓުގައި މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުގައި އާޖެންޓީނާއިން ނަތީޖާ އެއްވަރު ކުރި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ތިއާގޯ އަލްމާޑާ އެވެ.
ވޯލްޑްކަޕަށް ކޮލިފައިވެފައިވާ އާޖެންޓީނާއަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 16 މެޗުން 35 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ.
ކޮލިފައިންގައި ރޭ ވެނެޒުއޭލާ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި އުރުގުއޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އުރުގުއޭ ވަނީ
މޮޅުވެ ގްރޫޕްގެ ހަތަރުވަނަ އަށް އަރާފަ އެވެ.