ޚަބަރު

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް


  • މަޖިލީހުގެ ރައީސް ވަނީ ތަޢުޒިޔާ ވިދާޅުވެފައި

  • އަހުމަދު ރަޝީދު އަވަހާރަވީ އިއްޔެގެ ވަގުތެއްގައި

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ މަރުޙޫމް އަޙްމަދު ރަޝީދުގެ އާއިލާއަށް އެމަނިކުފާނާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.

އަހުމަދު ރަޝީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްޞީލުކުރެއްވި މެންބަރެވެ.

އަހުމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.