ޚަބަރު

"16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްއަށް ދިވެހި ޓީމުތަކުގެ ތައްޔާރީތަކާމެދު ހިތްހަމަޖެހޭ"


މާދަމާ ފަށާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްއަށް ރާއްޖޭގެ ޓީމުތަކުން ވެފައިވާ ތައްޔާރީތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު އާދަމް (އެޑަމް) ބުނެފިއެވެ.

މިއަހަރު ރާއްޖެއިން ހޯސްޓުކުރާ މި މުބާރާތުގެ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާކުރަމުން އެޑަމް ބުނީ ޖުމްލަކޮށް ބަލާއިރު ރާއްޖޭގެ އަންހެން ޓީމު އަދި ފިރިހެން ޓީމުގެ ތައްޔާރީތަކާއި މެދުވެސް ހިތްހަމަ ޖެހޭ ކަމަށެވެ. މި މުބާރާތަށް ޓީމުތައް ތައްޔާރުވަމުންދާތާ 3 މަސް ދުވަސްވެއްޖެ ކަމަށާއި، އަންހެން އަދި ފިރިހެން ޓީމުންވެސް ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް އުންމީދުކުރާ ކަމަށް އެޑަމް ބުންޏެވެ.

އެޑަމް ބުނީ މިއީ މި އުރުފުރާގައި ރާއްޖޭގެ އަންހެން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރު ކަމަށާއި، މި ސަރަހައްދުގެ ރަނގަޅު ހިސާބަކަށް މި ޓީމަށް ދެވޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

ޖޫން 12-14 އަށް ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް ގެންދާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ވަދަކުރަނީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަނގްލަދޭޝް އަދި ސްރީލަންކާއެވެ. މިއީ ރާއްޖޭން މި މުބާރާތް ހޯސްޓް ކުރާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ 13 ރެފްރީން ހަރަކާތްތެރިވާނެ ކަމަށާއި ބައެއް އޮފިޝަލުން މިހާރު ރާއްޖެ އައިސްފައިވާ ކަމަށް އެޑަމް ބުންޏެވެ. އަދި ޓެކްނިކަލް ޑެލިގޭޓްވެސް މިއަދު މާލެ އަންނާނެ ކަމަށާއި، މުބާރާތް ބާއްވާ ތަނުގެ އިންތިޒާމުތައް ބެލުމާއި ފުރިހަމަ ކުރަންޖެހޭ އެހެނިހެން ކަންކަން ޓެކްނިކަލް ޑެލިގޭޓުން މޮނިޓަރ ކުރަމުންދާނެ ކަމަށް އެޑަމް ފާހަގަ ކުރިއެވެ.

މި މުބާރާތަށް ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަމާއި ކުޅިވަރު ވުޒާރާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެމްބީއޭގެ ރައީސް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

"ސްޕޯޓްސް މިނިސްޓްރީން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އަޅުގަނޑުމެންނަކީ އެސޯސިއޭޝަނެއްވީމަ ސްޓާފުންވެސް ވަރަށް މަދު. އެހެންނަމަވެސް ސްޕޯޓްސް މިނިސްޓްރީން އަޅުގަނޑުމެންނަށް މިނިސްޓްރީގެ މުވައްޒަފުންވެސް ދީގެން މުބާރާތްތަށް ތައްޔާރުވުމުގެ މަސައްކަތަށް ވަރަށް ބޮޑަށް އެހީތެރިކަންދޭ" އެޑަމް ބުންޏެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތަކަށް އިއްޔެ ވަނީ ޖާޒީ ހަވާލުކޮށްފައެވެ. ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވެ. އަދި ރާއްޖޭން ވާދަކުރާ ދެޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާ މިނިސްޓަރ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.