އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރަށް ހުރިހާ ކްލާސް ރޫމްއެއްގައި އޭސީ ހަރުކުރުކޮށް ނިންމާލުން ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، "ކޫލް ސުކޫލް" މަޝްރޫޢުގެ ދަށުން ސަރުކާރުން ހިންގާ ސްކޫލްތަކަށް ބޭނުންވާ އޭސީ ހޯދުމާއި، ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ތަޢުލީމީ ވުޒާރާގައި ބޭއްވި މި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ.
ސަރުކާރު ސްކޫލްތަކުގެ ކްލާސްރޫމްތައް ފިނިކުރުމަށް ހިންގާ "ކޫލް ސްކޫލް" މަޝްރޫޢު ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން 3704 ކްލާސްރޫމް އޭސީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ސަރުކާރު ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެވެ. މި މަޝްރޫޢުގެ ދަށުން ކްލާސްރޫމްތަކަށް ބޭނުންވާ އޭސީ ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކާއި ޙަވާލުކޮށްފައި މިވަނީ ގާތްގަނޑަކަށް 55 މިލިޔަން ރުފިޔާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިއަހަރު ސެޕްޓެމްބަރު މަހަށް ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށެވެ. މި މަޝްރޫޢު 2 އަހަރު ދުވަހުން ނިމިގެންދާއިރު ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ އިތުރުން ސްކޫލްތަކުގެ ހޯލްތައްވެސް ފިނިކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވަރަށް ގިނަ ދަރިވަރުން ވަރަށް ގިނަ ބެލެނިވެރިންގެ އެދުމެއް ވީހާވެސް އަވަހަށް ޕްރޮޖެކްޓް ނިންމާލުމަކީ. ސަރުކާރުން އެންމެ ފުރަތަމަ ސްކޯޕް އެކުލަވަލީ ދެ އަހަރު ދުވަހު ތެރެގައި ނިންމާލުމަށް. ނަމަވެސް މިހާރު އަޅުގަނޑުމެންގެ އެސްޓީމޭޓް ޓައިމްލައިނަކީ މިއަހަރުގެ ސެޕްޓެންބަރު ނިމެން ވާއިރަށް ސްކޫލްތަކަށް އޭސީ ފޮނުވާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވީ، "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން މިދިޔަ މެއިމަހުގެ ނިޔަލަށް 401 ކުލާސްރޫމެއްގައި 802 އޭސީ ހަރުކޮށްފައިވާކަމަށެވެ.
ސަރުކާރުގެ އިއާދަކުރަނިވި ހަކަތައިގެ ސިޔާސަތުގެ ތެރެއިން ހުރިހާ ސްކޫލެއްގައި ބޭނުންކުރާ ހަކަތަ ސޯލާ ހަކަތައަށް މި މަޝްރޫއުގެ ތެރެއިން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރު 53 ސްކޫލެއްގައި ސޯލާ ޕެނަލް ހަރުކޮށްފައިވާކަމަށާއި، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން އިތުރު ސްކޫލްތަކުގައިވެސް އެމަސަތްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތް ޓައިމްލައިނާ އެއްގޮތަށް ނިމޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްވެސް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ކަރަންޓު ވިއުގާގެ މަސައްކަތްތައްވެސް ރަނގަޅުކުރުމަށް އެކޯޕަރޭޝަނުން މަސައްކަތްކުރަމުންދާކަމަށް ނަޖާޙު ވިދާޅުވިއެވެ.
"ކޫލް ސްކޫލް" މަޝްރޫޢުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމަށް ރަނގަޅު މާހައުލެއް ޤާއިމްކުރެވިގެންދާނެކަމަށް ސަރުކާރުން ޤަބޫލްކުރައްވައެވެ. އަދި މިއީ ދަރިވަރުން ކްލާސްރޫމްތަކުގައި ކިޔެވުމަށް ދެވޭ ސަމާލުކަން އިތުރުވެގެންދާނެ މަސައްކަތެއް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.